އީރާނު ހަނގުރާމަ ހުއްޓާލަން ސުލްހައިގެ މަޝްވަރާތައް ފަށަން އެމެރިކާ ދެކޮޅުހަދައިފި

މީގެ ދެ ހަފުތާ ކުރިން އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކާ އެކު ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، މެދުއިރުމަތީގެ ބައެއް ގައުމުތަކުން ކުރި މަސައްކަތްތަކަށް އެމެރިކާއިން ދެކޮޅުހަދައިފި އެވެ.
ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް އޮމާން އާއި މިސްރުން ކުރި މަސައްކަތްތައް މިހާތަނަށް ކާމިޔާބުވެފައި ނުވާއިރު، ވައިޓް ހައުސްއިން ބުނެފައިވަނީ މިވަގުތު އެފަދަ މަޝްވަރާތަކަކަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ގަސްދުކުރައްވަނީ އަސްކަރީ ހަރަކާތްތައް މިގޮތުގައި ކުރިއަށް ގެންދިއުމަށެވެ.
"މިވަގުތު އެފަދަ ކަމަކަށް ރައީސްގެ ޝައުގުވެރިކަމެއް ނެތް. އަޅުގަނޑުމެން މި އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނަން. ފަހަރެއްގައި މުސްތަގުބަލުގައި އެފަދަ ދުވަހެއް އަތުވެދާނެ، އެކަމަކު މިވަގުތަކު ނޫން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އީރާނުން ވެސް ވަނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އަދި އެ ގައުމުގެ ޝަރުތުތައް ފުރިހަމަނުވާހާ ހިނދަކު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެކޮޅު ހަދާފަ އެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި މިފަދަ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ދިނުމާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުން ހިމެނެ އެވެ.
މި ކުރިމަތިލުންތަކުގައި މިހާތަނަށް 2،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ތެރެއިން ގިނައީ އީރާނުގެ ރައްޔިތުންނެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރަށް ތާރީހުގައި ވެސް ނާދޭ ފަދަ ބޮޑު ލޮޅުމެއް ވަނީ އަރާފަ އެވެ.
އީރާނުގެ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ހާގް އައިލެންޑަށް އެމެރިކާއިން މިދިޔަ ހަފްތާ ބަންދުގައި ދިން ހަމަލާތަކުން ދޭހަވަނީ ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް ވޮޝިންޓަނުން ބޭނުންވާ މިންވަރެވެ. އަނެއްކޮޅުން އީރާނުގެ އާ ރޫހާނީ ލީޑަރު މުޖްތަބާ ހާމަނާއީ ވަނީ ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަށާއި ސަރަހައްދީ އަމާޒުތަކަށް ދޭ ހަމަލާތައް ފުޅާކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.
އީރާނުގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ގައުމުގެ ލީޑަޝިޕުން މިހާރު ވަނީ ގެންގުޅޭ ސިޔާސަތު އިތުރަށް ހަރުކަށިކޮށްފަ އެވެ. އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކުރިން ދެކެވުނު ޑިޕްލޮމެޓިކް ވާހަކަތަކުގައި މިހާރު އެއްވެސް ބޭނުމެއް ނެތެވެ. އަދި ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ން ގަބޫލުކުރެ އެވެ.
"އައިއާރުޖީސީން ހަމަލާ ބަދަލުކުރުން ހުއްޓާލުމަކަށް، ނުވަތަ އެފަދަ މަޝްވަރާއަކަށް، ނުވަތަ ޑިޕްލޮމެޓިކް އެއްވެސް މަސައްކަތަކަށް އެއްބަހެއް ނުވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ..
ދެ ފަރާތުން ވެސް މަޝްވަރާއަށް އިންކާރު ކުރަމުންދާތީ، މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ޑިޕްލޮމެޓުން ލަފާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ