އުރީދޫގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަގާމަށް، ޝާޑީ ގަވަސްމީ އައްޔަންކޮށްފިއެވެ.
​​ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.
ގަވަސްމީ އުރީދޫ ގްރޫޕުގައި މަސައްކަތްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ގަވަސްމީ ވަނީ އިސް ރޯލެއް އަދާކޮށްފައެވެ. 
އުރީދޫގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިންގ، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިންގ ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯދާފައެވެ.
އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދިނުމުގެ މައްސައްކަތްތައް ކޮށްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.
ތައުލީމީ ގޮތުން ބަލާއިރު، ގަވަސްމީ ވަނީ ފަރަންސޭސިވިލާތުގެ އީ.ޑީ.އެޗް.އީ.ސީ. ބިޒްނަސް ސްކޫލުން މާކެޓިންގ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރުމުގެ އިތުރުން އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީން މާކެޓިންގ ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައެވެ.
​​އުރީދޫއިން ވަނީ އެ ކުންފުނީގެ ކުރީގެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޚާލިދު ޙަސަން އެމް އޭ އަލް-ޙަމާދީއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ޚާލިދުގެ ލީޑަރޝިޕްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމަރ ކެއާ އެސިސްޓަންޓް "އެވީ" ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތަޢާރަފުކުރެވުނެވެ.
އަދި މާސްޓަރ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބަރ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު އޮތް ގުޅުން އިތުރަށް ވަނީ ހަރުދަނާކުރެވިފައިވާ ކަމަށާ މުޅި ރާއްޖެއަށް 100 އިންސައްތަ 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި، އާބާދީގެ 80 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއަރ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ޚާއްޞަ ކޭބަލަކާއި ގުޅުވާލުން ފަދަ ކަންކަން ވެސް ކިރެވުނު ކަމަށް އުރީދޫއިން ބުނެއެވެ. 
އުރީދޫގައި ޚާލިދު ހޭދަކޮށްފައިވާ ދުވަސްތަކުގައި ހޯދާފައިވާ އެހެނިހެން ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި، ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑު ހޯދުމާއި، ކ. ހުޅުމާލޭގައި އުރީދޫގެ އޮފީސް ހުޅުވުން ހިމެނެއެވެ. އަދި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސިއްހީދާއިރާއާއި އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު އިޖުތިމާޢީ ޒިންމާގެ މުހިންމު މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.
​​
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ