ނިމުނު ޑިސެމްބަރުގައި ގާއިމުކުރި މަންތުލީ އެރައިވަލް ރެކޯޑު މުގުރާލުމަށް ފަހު، އެންމެ ގިނައިން ޓޫރިސްޓުން އައި މަހަކަށް މި އަހަރުގެ ޖެނުއަރީ މަސް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި 224،788 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިއީ އޭގެ ކުރީ މަހު ޒިޔާރަތްކުރި އަދަދަށް ވުރެ 333 ޓޫރިސްޓުން އިތުރު އަދަދެކެވެ.
މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. ރަޝިއާ ނަގާފައި ދެން އެންމެ ގިނައިން ޓޫރިސްޓުން އައި އިޓަލީ އާއި ޗައިނާ އާއި ޔޫކޭއިންނެވެ. މި ހަތަރު ގައުމުން ވެސް 20،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
މިދިޔަ މަހަކީ ކަލަންޑަރު މަހެއްގެ ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ހަ ވަނަ ފަހަރު، އަދި ދެވަނަ ޖެނުއަރީ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
ޓޫރިޒަމް ހައި ސީޒަނުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ހަތަރު މަސް ކަމުގައިވާ ޑިސެމްބަރު، ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހުގެ ތެރޭގައި މިދިޔަ އަހަރު ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
ރެކޯޑުތަކުން ދައްކާ ގޮތުގައި އެންމެ ފުރަތަމަ ފަހަރު ދެ ލައްކަ ޓޫރިސްޓުން އައީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރެކޯޑު މުގުރާލުމާ ހަމައަށް އެންމެ ގިނައިން ޓޫރިސްޓުން އައުމުގެ ރެކޯޑަކީ ވެސް އެއީ އެވެ.
ސަރުކާރުން އަންޒާދާ ކުރަނީ މި އަހަރުގެ ތެރޭގައި 2.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. މިއީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި 2.2 މިލިއަން ޓޫރިސްޓުންނަށް ވުރެ ދޮޅު ލައްކަ އިތުރު އަމާޒެކެވެ. ނަމަވެސް މިދިޔަ އަހަރު ކަނޑައެޅި، ނަމަވެސް ހާސިލުނުވި އަމާޒު ކަމުގައިވާ 2.3 މިލިއަނަށް ވުރެ ލައްކައެއް އިތުރު އަދަދެކެވެ.
ޑިސެމްބަރުގައި ގާއިމުކުރި މަންތުލީ ޓޫރިސްޓު އެރައިވަލް ރެކޯޑު މުގުރާލައިފި ޑިސެމްބަރުގައި ގާއިމުކުރި މަންތުލީ ޓޫރިސްޓު އެރައިވަލް ރެކޯޑު މުގުރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ