ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ދުވަސް ހަމަވީ އިރު ވެސް، ކުރިމަތިލާން އީފާސް ބޭނުންކުރަން ޖެހުމާއި އީފާހުން ތާއީދު ފޯމު ފުރަން ޖެހޭތީ ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގަންނަން ހައި ކޯޓުން ގޮތެއް ނުނިންމައި ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ޕީއެންއެފްގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފްގެ ނަމުގަ އެވެ. މިދިޔަ ހަފުތާގައި މި މައްސަލަ ކޯޓަށް ވެއްދި އެވެ.
ތަފްސީލް - މިއަދު ހަވީރު 5:00އަށް ރަސްމީ ވަގުތު ހަމަވި އިރު ވެސް އިންތިހާބަށް ކުރިމަތިލުމާ ގުޅޭ މި ދުސްތޫރީ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމާ ކަން 'ދައުރު'އަށް އެނގިފައިވެ އެވެ.
ބުނީ ކީކޭ؟ - މި މައްސަލާގައި މަސައްކަތްކުރައްވާ ވަކީލު އަލީ ޝާހް 'ދައުރު'އަށް ވިދާޅުވީ އިންތިހާބާ ކުރިމަތިލުމާ ގުޅޭ، ވީހާވެސް އަވަހަށް ފަށަން ޖެހޭ މައްސަލައެއް މި ގޮތަށް ލަސްވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
އަވަހަށް ނިޔާއެއް ކަނޑައަޅަން ޖެހޭ މިފަދަ މައްސަލައެއް ބަލައިގަތުމާ މެދު މި ވަރަށް ލަސްކުރަމުންދާ ނަމަ އިންސާފު ލިބުން ވެސް ލަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންސާފު މިހެން ލަސްވާ ލަސްވުމަކީ ބޭއިންސާފެއް," ޝާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވި ނަމަވެސް ހައި ކޯޓުން މި މައްސަލަ ފަށައި ގޮތެއް ނިންމަން ވާނެ ކަމަށެވެ.
"ހައި ކޯޓަށް އަދިވެސް މައްސަލަ ފަށައިގެން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިފި ނަމަ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޝަން ކޮމިޝަނުން ފުރުސަތު ހުޅުވާލަން ޖެހޭނީ," ޝާހް ވިދާޅުވި އެވެ.
މި މައްސަލާގައި ހައި ކޯޓުގައި އެދިފައިވަނީ އީފާސް ބޭނުންކޮށްގެން ތާއީދު ފޯމު ފުރަން ޖެހުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފުކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާ ގިނަ މައްސަލަތަކުގެ އަޑުއެހުންތައް ނުބާއްވައި، ގެންދަނީ ދިގުދަންމަމުންނެވެ.
ކުރިމަތިލުމުގެ މުއްދަ ހަމަވިއިރު ވެސް އީފާސް ބޭނުންކުރަން ޖެހޭ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ