ތައިލޭންޑުގައި ކުރިއައްދާ ހަލާލް ކާބޯތަކެތީގެ މަޢުރަޒެއްގައި މިފްކޯގެ މަހުގެ އުފެއްދުންތައް ދައްކާލައިފިއެވެ. ގްރޭންޑް ހަލާލް ބެންކޮކް ނަމުގައި ކުރިއަށް ގެންދާ މިމަޢުރަޒުގައި މިފްކޯގެ ފަރާތުން ބައިވެރިވެފައިވަނީ ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަމާއެކުއެވެ.
ތައިލޭންޑުގައި ކުރިއަށް ގެންދާ ގްރޭންޑް ހަލާލް މަޢުރަޒު ކުރިއަށްދާނީ ތައިލޭންޑުގެ ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ. މި މަޢުރަޒު މިމަހުގެ 15 އިން 17 އަށް ކުރިއަށްދާނެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައިވެސް ބާއްވާ އެންމެ ބޮޑު އެއް ހަލާލް ކާބޯތަކެތީގެ މަޢުރަޒެވެ.
ތައިލޭންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އެހީތެރިކަމާއެކު މިފްކޯއިން މިމަޢުރަޒުގައި ބައިވެރިވާއިރު އެކުންފުނިން ވިދާޅުވީ މިއީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުން އަންނަ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި ދިވެހި ރަހަތައް ދައްކާލުމަށް ލިބިގެންދިޔަ މުހިންމު މަންސައެއް ކަމަށެވެ. އަދި މިމަޢުރަޒުގެ ސަބަބުން އައު ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާ ެނ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅުން ބަދަހިވެ، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި ވިއްކުމަށް ދިވެހިރާއްޖެއިން ވެފައިވާ އަހުދު ހިއްސާ ކޮށްދޭ ކަމަށެވެ.
މި ހަރަކާތަކީ ދުނިޔޭގެ 70އަށް ވުރެ ގިނަ ޤައުމުން މަންދޫބުން ބައިވެރިވާ މަޢުރަޒެކެވެ. އަދި މަޢުރަޒަށް 12،000 އާއި 15،000 ދެމެދު އަދަދަކަށް މީހުން ޒިޔާރާތް ކުރާނެ ކަމަށް ބެލެވެއެވެ.
ދިވެހި މަހުގެ އުފެއްދުންތައް ތައިލޭންޑުގައި ޕްރޮމޯޓް ކުރަމުންދާއިރު، ތައިލޭންޑަކީ ދިވެހިން އެންމެ ގިނައިން މަސް ބޭރު ކުރާ ބާޒާރެވެ. މިވަގުތު ތައިލޭންޑަށް ގިނައިން ބޭރުކުރަނީ ރޯމަހުގެ އުފެއްދުންތަކެވެ. ނަމަވެސް މިފްކޯގެ އަގު އެއްކުރި އުފެއްދުންތައް މި މަޢުރަޒުގެ ތެރެއިން އެކުންފުނިން ދަނީ ތައިލޭންޑުގެ ބާޒާރަށް ޕްރޮމޯޓް ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް މިހާރު ހުރި މާކެޓުތައް އިތުރަށް ފުޅާކޮށް އިތުރު މާކެޓުތަކަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ފޯރުކޮށްދިނުމެވެ.
ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން މިފްކޯއިން ބައިވެރިވުމުން، ސަރުކާރުގެ ރަސްމީ އެހީތެރިކަމާއެކު އިތުބާރު ހުރި ޕްލެޓްފޯމެއް ލިބިގެންދެއެވެ. މި މައުރަޒަކީ ސީދާ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް (B2B Matchmaking) ވަރަށް ބޮޑަށް އަމާޒު ހިފާފައިވާ ތަނަކަށް ވުމުން، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމުގެ އުފެއްދުންތައް، އޭޝިއާ ސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު ބަޔާސް (Premium Buyers) އަދި ޑިސްޓްރިބިއުޓަރުންނަށް ތައާރަފުކުރުމަށް ލިބޭ ރަނގަޅު ރަން ފުރުސަތެކެވެ.
ތައިލޭންޑުގެ ހަލާލު ކާބޯތަކެތީގެ މަޢުރަޒުގައި މިފްކޯގެ އުފެއްދުންތައް ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ