ގުޅިފަޅުގެ ހަވާލުނުކޮށް އޮތީ 1،755 ގޯއްޗެއްގެ ލިޔުން

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މިވަގުތު ލިޔުން ހަވާލުނުކޮށް ވަނީ 1،755 މީހެއްގެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. 
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ގުޅިފަޅުން ދޫކޮށްފައިވާ ބިންތަކުގެ ރަޖިސްޓްރީ އާއި ލިޔެކިޔުންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 އިން ފެށިގެން މެދުނުކެނޑި ކުރަމުން އަންނަ ކަމަށެވެ.  
އެކަމަކު އެކި ސަބަބުތަކާ ހުރެ މިހާތަނަށް 1،755 މީހަކަށް ލިޔުން ހަވާލުނުކުރެވި އެބަ އޮތެވެ. 
އޮފިޝަލް ވިދާޅުވީ އެ މީހުންނަށް ލިޔުން ހަވާލުނުކުރެވި ވަނީ އެމީހުންނަށް ލިބިފައިވާ ބިންތައް ހިމެނޭ ސަރަހައްދަކީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ނުވަތަ ލޭންޑް ލޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުން ކަމަށެވެ. 
ގުޅިފަޅުން ގޯތި ލިބިފައިވާ މީހުން އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް މިނިސްޓްރީން ދިނެވެ. އޭރު އެ ފުރުސަތު ދިނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެން ޖެހޭ ގޮތަށެވެ. އަދި ބިމާއި ލިޔުން ދޫކުރަމުން އައީ ގުޅިފަޅަށް ގޮސް ބިން ވެރިފަރާތަށް ދެއްކުމަށް ފަހު ބިން އޮތް ސަރަހައްދުގަ ތިބެގެންނެވެ. 
އެކަމަކު އިއްޔެ އިން ފެށިގެން ވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށައިފަ އެވެ. 
މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ލިޔުން ޑައުންލޯޑު ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރި ކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް ބުންޏެެވެ. 
ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ ދިނުމަށް، މިދިޔަ އަހަރު އޮގަސްޓް މަހު ހުޅުވާލިޔަސް ގޯތި ލިބުނު ބައެއް މީހުން ވަނީ ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ.
The most trusted news source in the Maldives
އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދާ މީހުން ބުނާ ގޮތުގައި އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރަ އެވެ. އެ މައްސަލަ ބޮޑުވެ މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ސަރުކާރުން އެ މީހުންނާ އެކު، ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ