ދިރާގާއި އީސެޓް ގުޅިގެން ސައިބަ ޕްރޮޓެކްޓްގެ ނަމުގައި މުޅިން އައު ޚިދުމަތެއް ތަޢާރަފުކޮށްފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގާއި ދުނިޔޭގެ މަޝްހޫރު ސައިބާ ސެކިއުރިޓީ ކުންފުނި 'އީސެޓް' ގުޅިގެން 'ސައިބަ ޕްރޮޓެކްޓް' ގެ ނަމުގައި މުޅިން އައު ޚިދުމަތެއް އިއްޔެ ތައާރަފުކޮށްފިއެވެ. މި ޚިދުމަތަކީ ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޯރުކޮށްދޭ އެންޓަޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ. މި ޚިދުމަތުގެ އެހީގައި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާ ލެޕްޓޮޕާއި، ޑެސްކްޓޮޕް އަދި ސާވަތައް, މަލްވެއާ އާއި ރެންސަމްވެއާ ފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދޭނެއެވެ. މީގެ އިތުރުން، އީމެއިލް އަދި ކްލައުޑް އެޕްލިކޭޝަންތަކަށް އަމާޒުވާ ފިޝިން ހަމަލާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދީ، ސިއްރު މައުލޫމާތުތައް ހިމާޔަތްކުރުމަށް މި ސޮލިއުޝަން އެހީތެރިވެދެއެވެ. އީސެޓްގެ ޒަމާނީ ޓެކްނޮލޮޖީއާއި ދިރާގުގެ ފަންނީ މާހިރުންގެ ތަޖުރިބާ ގުޅިގެން ފޯރުކޮށްދޭ މި ޚިދުމަތަކީ ދިރާގުގެ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްދާނެ ކަމެކެވެ. މިގޮތުން، ކަމާބެހޭ މާހިރުންގެ ބެލުމުގެ ދަށުން 24 ގަޑިއިރު ސިސްޓަމްތައް މޮނިޓާކޮށް، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެއެވެ. ކޮންމެ ވިޔަފާރިއަކަށްވެސް ބޭނުންކުރެވޭ ގޮތަށް ދިރާގުން ފަރުމާކޮށްފައިވާ މި ޚިދުމަތަކީ ސަބްސްކްރިޕްޝަން އުސޫލުން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް ބަހާލެވިފައިވަނީ ހަތަރު ޕެކޭޖަކަށެވެ. މިއީ ކޮންމެ ކުންފުންޏެއްގެވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެންމެ އެކަށޭނަ ޕެކޭޖެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ދިރާގުން ބުނެއެވެ. މީގެ ސަބަބުން ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ ތަކުލީފާއި ޚަރަދު ކުޑަވެގެންދާނެއެވެ. ދުނިޔޭގައި ސައިބަ ތްރެޓްގެ ނުރައްކާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ހިދުމަތެއް ތައާރަފުކުރުމަކީ ރާއްޖޭގެ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަ ރައްކާތެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ މި ޒަމާނުގައި، 'ސައިބަ ޕްރޮޓެކްޓް' އަކީ ކުންފުނިތަކަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ލިބިގެންދާނެ ވަރުގަދަ ބިންގަލެކެވެ. މި ޚިދުމަތާ ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ