ކާނަލް އަބްދުﷲ ސަސްޕެންޑްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހީމް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ކާނަލް އަބްދުﷲ ސަސްޕެންޑްކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއިން ރޭ ހުރަސްއެޅި މައްސަލަ އެމްއެންޑީއެފުން ތަހުގީގު ކުރަމުންދަނިކޮށެވެ.
އެމްއެންޑީއެފުން ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ގައުމީ ދިފާއީ ބާރުން ހާއްސަ ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
މި ކޮމެޓީއަކީ އެމްއެންޑީއެފްގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ކޮމެޓީއެކެވެ.
މައްސަލައާ ގުޅިގެން މިފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަ އިބްރާހީމް ހަލީމްއާ ވަނީ ހަވާލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ