ޔުނައިޓެޑްގެ ޕްރީ-ސީޒަން ފެށިތަނާ އޮނާނާ އަށް އަނިޔާގެ މައްސަލަ: ރިޕޯޓް ޔުނައިޓެޑްގެ ޕްރީ-ސީޒަން ފެށިތަނާ އޮނާނާ އަށް އަނިޔާގެ މައްސަލަ: ރިޕޯޓް

މެންޗެސްޓާ (ޖުލައި 12) - މެންޗެސްޓާ ޔުނައިޓެޑްގެ ޕްރީ ސީޒަން ފެށިތަނާ އެ ޓީމުގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ އަށް އަނިޔާވެ، ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ޔުނައިޓެޑުން ވަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ޕްރީ-ސީޒަން ޕްރެކްޓިސްތައް ފަށައިފަ އެވެ.
އެ ގޮތުން، ޔުނައިޓެޑްގެ ގޯލްކީޕަރު، ކެމަރޫންގެ އޮނާނާ ވެސް ފުރަތަަމަ ފިޒިކަލް ޓެސްޓްތައް ހެދުމަށް ފަހު، ޓްރެއިނިންގައި ބައިވެރިވެފައިވާއިރު، އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
އަދި، ލިބިފައިވާ އަނިޔާގެ މައުލޫމާތުން މި ވަގުތު މީޑިއާ އަށް އެނގިފައިވަނީ، ދެ މަހެއްހާ ދުވަހު، އޮނާނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
ބާރަ އަހަރު ޔުނައިޓެޑަށް ކުޅުނު ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ޑެހެއާ ދޫކޮށްލުމަށްފަހު، މީގެ ދެ އަހަރު ކުރިން، ޔުނައިޓެޑުން ކެމަރޫންގެ ކީޕަރު، އޮނާނާގެ ސޮއި ހޯދީ އިންޓަ މިލާނަށް 60 މިލިއަން ޑޮލަރު ދައްކާ ގޮތަށެެވެ.
ޔުނައިޓެޑުގައި އޮނާނާ ހޭދަކުރި ދެ ސީޒަނުގައި ވެސް އޭނާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނި، އޭނާ ވިއްކާލަން އެ ކްލަބުން އޮތީ ނިންމައިފައި ކަމަށް ރިޕޯޓްތައް ބުނާއިރު، އަދި ރަސްމީ ސިފައެެއްގައި އެ އަށް އަމަލުކުރާ ގޮތެއް ޔުނައިޓެޑުން ހާމަނުކުރެ އެވެ. އެކަމަކު، މި ފަހުން ޔުނައިޓެޑުން އޮނާނާ ވިއްކާލަން ކިޔާ އަގު، 30 މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ.
އަޔަކްސް އަށް ކުރިން ކުޅުނު އޮނާނާ އަށް އަނިޔާވުމުން، ޕްރީ ސީޒަނުގައި ޔުނައިޓެޑުން އެމެރިކާ އާއި ސްވިޑެންގައި ކުރިއަށްގެންދާ ޓުއާގެ މެޗުތަކުގައި ނުކުޅެވޭނެ އެވެ. ޔުނައިޓެޑުން މި ވަގުތަށް ބަލާއިރު، ޓުއާގައި ބޭނުންކުރާނީ، ތުރުކީގެ ކީޕަރު، އަލްޓޭ ބަޔިންދީރު އާއި އިނގިރޭސި ތަޖުރިބާކާރު ކީޕަރު، ޓޮމް ހީޓަންގެ ތެރެއިން ކުޅުންތެރިއެކެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް އާ ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތް ކުރުމަށް އެ ކްލަބްގެ ޓެކްނިކަލް ޓީމަށް ވަނީ ލަފާދީފަ އެވެ. ޔުނައިޓާ އެކު، މަޝްވަރާ ކުރަމުންދާ ކީޕަރުންގެ ތެރޭގައި، އެސްޓަން ވިލާ އަށް ކުޅޭ އާޖެންޓީނާގެ ގޯލްކީޕަރު، އެމިލިއާނޯ މާޓީނޭޒް އާއި ބޮޓަފޯގޯ އަށް ކުޅޭ ބްރެޒިލްގެ ޖޯން ވިކްޓާ އަދި ޕޯޓޯގެ ޑިއޯގޯ ކޮސްޓާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ