އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް މިދިޔަ މަހު އެންސްޕާއިން 4.97 މިލިއަން ޚަރަދުކުރި

ބޭސް ފަރުވާ އަދި އެނޫން ވެސް މުހިންމު ކަންކަމުގައި ދައުލަތުން މާލީ އެހީ ފޯރުކޮށްދޭ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން, ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މިދިޔަ މަހު 4.97 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. މި އެހީ ފޯރުކޮށްދެނީ އެ އެޖެންސީގެ "ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން"ގެ ޕްރޮގްރާމްގައި ހިމެނިފައިވާ ބެލެނިވެރިންނާއި ކުދިންނަށެވެ. https://x.com/nspamaldives/status/1943323422572057016?s=48 އެ އެޖެންސީގެ ތަފާސްހިސަބުތައް ދައްކާ ގޮތުގައި، މި ޕްރޮގްރާމުގައި 2905 ބެލެނިވެރިން ރެޖިސްޓާވެފައި ވެއެވެ. އަދި އަލަށް މިދިޔަ މަހު 38 ބެލެނިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައި ވެއެވެ. މި ޕްރޮގްރާމުގެ ދަށުން މާލި އެހީ ފޯރުކޮށްދެނީ އެންމެ ގިނައިން ކުޑަކުދިންނަށެވެ. އެގޮތުން މިދިޔަ މަހު 4972 ކުދިންނަށް އެހީ ފޯރުކޮށްދީފައި ވެއެވެ. މި ޕްރޮގްރާމުގައި މިދިޔަ މަހު އަލަށް ރަޖިސްޓާވި ކުދިންގެ އަދަދަކީ 84އެވެ. މި ޕްރޮގްރާމުގެ ދަށުން މިދިޔަ މަހު މުޅި ޖުމުލަ 4.97 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދޫކޮށްފައި ވެއެވެ. ނަމަވެސް، ބެލެނިވެރިންނާއި ކުޑަކުދިންނަށް ކުރި ހޭދަ އެންސްޕާއިން ވަކިން ފާހަގަކޮށްފައެއް ނުވެއެވެ. އެންސްޕާއިން މީގެ ކުރިން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ތެރަޕިއުޓިކް ފަރުވާ ބޭނުންވާ މީހުންނަށް ކޮށްފައިވާ ޚަރަދުގެ ތަފާސްހިސާބުތައް ވެސް ހާމަކޮށްފައެވެ. އެގޮތުން، މިދިޔަ މަހު ތެރަޕިއުޓިކް ފަރުވާތަކަށް ހަތަރު މިލިއަން, އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 51 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޭދަކޮށްފައި ވެއެވެ. https://sun.mv/208476 މީގެކުރިން އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި، ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 108 މީހަކަށް 4،055،281 ރުފިޔާ ހަމަޖައްސައިދީފައި ވެއެވެ. އަދި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 55 މީހަކަށް 385،302 ރުފިޔާ ހަަމަޖައްސައިދީފައިވެއެވެ. އެންސްޕާގެ ބަޖެޓުގެ ގޮތުގައި މި އަހަރަށް ކަނޑައަޅައިފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 26ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެހާތަނަށް އެ އެޖެންސީން ވަނީ 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ