ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިިފި

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުން ފަށާފައިފި އެވެ.
ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ބުނީ ގޯތި ރަޖިސްޓްރީ ދޫކުރަން މިއަދު ފަށާފައިވާ ކަމަށެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ހުރި ބިމުގައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކުރުމަށް އިޢުލާނުކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައިވެ އެވެ.
ނަމަވެސް އެކި ސަބަބުތަކާ ހެދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވި އެވެ. އެހެން ކަމުން އެ މީހުންގެ މެދުގައި އަލުން ގުރުއަތުލައި، ލިބޭ ޕްލޮޓް ވަނީ ކަނޑައަޅާފަ އެވެ.
މިގޮތަށް ކަނޑައަޅައި، އެ މީހުންގެ މެދުގައި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށްޓަކައި، މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ފުށުއަރާ ކަންކަން އެ އެއްބަސްވުމުގައި ހިމަނާފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެގޮތުން، ރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދެވޭނީ، އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި އެ މާއްދާގައި، އެ މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވެނީ، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލަން ޝަރުތު ކުރުމަށް ފަހުގައި ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި، އެ އުސޫލުގެ ދަށުން ބިން ލިބުނު މީހުންނަށް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުން ދޫކޮށްލަން ޝަރުތުކޮށްފައިވަނީ ހަމައެކަނި މާލެ ސަރަހައްދު -- މާލެ، ހުޅުމާލެ އަދި ވިލިނގިލިން ލިބިފައިވާ 600 އަކަފޫޓަށް ވުރެ ކުޑަ ގޯތިތައް އެކަނިކަން ވަނީ ފާހަގަކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލުކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ނުދެކޭ ކަމަށެވެ.
އެހެންކަމުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި 30 މޭ ގައި ކުރިއަށް ގެންދެވުނު ގުރުއަތުން އެމީހުންނަށް ލިބުނު ގޯތި ހަވާލުކުރުން އަވަސްކުރުމަށްޓަކައި، އައު ގޯތީގެ ރަޖިސްޓަރީ ނަންބަރާއި، ގޯތީގެ ނަންބަރާއި، ގޯތި އޮތްތަން ބަޔާންކުރުމުގެ ގޮތުން، މިހާރު އެ މީހުންނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތާގުޅޭ މާއްދާ އިސްލާހު ކުރުމަށްޓަކައި މިނިސްޓްރީއާއި ގޯތި ހަވާލުކުރެވޭ މީހުންގެ މެދުގައި އިސްލާހު ކުރެވިފައިވާ އައު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ގޯތި ލިބުނު މީހުންނާއެކު ހަދާފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށްޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ