ހޭލެވުނީ ދުވެ ފިލާއަޑަށް، ދެން ފެނުނީ ރަހުމު ކުޑަކޮށް ޒަޚަމުކޮށްލާފައި އޮތް ފިރިމީހާ

އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމަށް ރަހުމު ކުޑަ ޒަޚަމުތަކެއް ދިންފަހުން، އެހެން ކޮޓަރިއެއްގައި ނިދަން އޮތް އޭނާގެ އަނބިމީހާ ނާޒިމާ އިބްރާހީމަށް ހޭލެވުނީ މީހަކު ދުވެ ފިލާ އަޑަށްކަން އެނގިއްޖެއެވެ. ފުލުހުން ބުނި ގޮތުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 01:50 ހާއިރެވެ. މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށް އޭނާ މަރުވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. https://sun.mv/208521 އަބްދުއްރަހްމާނުގެ ތިން ދަރިންގެ ތެރެއިން، އާންމުކޮށް ރަށުގައި ދިރިއުޅޭ ދަރިފުޅު އަހްމަދު ނިމާލް "ސަން"އާ ވާހަކަދައްކަމުން ބުނީ، އާމްދަނީ ހޯދަން މަހަށް ގޮސް އުޅުނު އޭނާގެ ބައްޕަ ރަށަށް އައީ މި މަހުގެ ހަވަނަ ދުވަހު ކަމަށެވެ. ޖެހިގެން އައި ދުވަހު، ނިމާލް ރަށުން، މާލެ އަންނަން ފުރީއެވެ. މި ހާދިސާ ހިނގިއިރު ނިމާލް ހުރީ މާލޭގައެވެ. މިހާރު އޭނާ އަަންނަނީ ރަށަށް ދިއުމަށް ދަތުރުކުރަމުންނެވެ. ނިމާލް ބުނީ، އާންމުކޮށް އެކުގައި ނިދި ނަމަވެސް ރޭ އޭނާގެ ބައްޕައާއި މަންމަ ނިދަން އޮތީ ވަކިން ދެ ކޮޓަރިއެއްގައި ކަމަށެވެ. އޭނާގެ މަންމަ، ނާޒިމާ ބުނި ގޮތުގައި ނާޒިމާއަށް ކުއްލިއަކަށް ހޭލެވުނީ މީހަކު ބާރަށް ދުވެފައި ދާ އަޑު އިވިގެން ކަމަށް ވެސް ނިމާލް ބުންޏެވެ. އެހެންވެ، ކޮޓަރިން ބޭރު ބަލައިލިއިރު ފެނުނީ ގޭގެ ދޮރު ހުޅުވިފައި ހުރި ތަން ކަމަށް އޭނާގެ މަންމަ ބުނިކަމަށް ނިމާލް ބުންޏެވެ. "ދެން ބައްޕަ ކޮޓަރިއަށް ބަލައިލި އިރުގައި އޮތީ އެއްކޮށް ލޭ ވެފައި،" ނިމާލް ބުންޏެވެ. ގޭގެ ދޮރު ހުރީ ތަޅު ނުލައި ނިމާލު ބުނީ، ގެއަށް ވަދެވެން ހުންނަ ދެ ދޮރުގެ ތެރެއިން އެއް ދޮރުގެ ތަޅު އާންމު ގޮތެއްގައި ބަހައްޓަނީ ހުޅުވާފައި ކަމަށެވެ. އއ. މާޅޮސް: އެ ރަށުގައި ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގާފައި "އެއީ ދެން އަނެއްހެން ޚިޔާލަކަށް އެކަހަލަ ކަމެއް ވެސް ނާދޭ ދޯ. އެކަހަލަ ރަށެއް، އަނެއްކަހަލަ އެގޮތަށް ވިސްނައިލެވޭ ކަމެއް ވެސް ނުފެންނަ ރަށެއް ވީމާ. އެހެންވެ ތަޅުނުލެވި އިނީ ދޯ، އަނެއްހެން ތަޅުދަނޑިއެއް ގެއްލިގެން އެކަހަލަ ކަމެއް ވީކަމެއް ނޭނގެ،" އޭނާ ބުންޏެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެ ކަން ކުރި މީހަކު ގެއަށް ވަންނާނީ އެ ދޮރުން ކަމަށް ނިމާލް ބުންޏެވެ. "ޝައްކުކުރެވޭ އެއްވެސް މީހަކު ނެތް" ރަހުމު ކުޑަ ގޮތަކަށް ހަމަލަދީ، ޒަޚަމުކޮށްލިއިރު، އެފަދަ ކަމެއް، މީހަކު ކޮށްފާނެކަމަށް ވެސް ހިތަށް ނާރާ ކަމަށް ނިމާލް ބުންޏެވެ. އަދި، ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަަގަވި ނަމަ މަންމައާއި ބައްޕަ އެކަނި ދޫކޮށްފައި މާލެ ނަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. "އެހެން ނޫންނަމަ ބައްޕަ ގޭގައި ބަހައްޓައިފައެއް ނުއެއް ދާނެ ދޯ. އެހެންވެގެން މި ދަނޑިވަޅުގައި އެހެން ސީދާ ބުނާކަށް ނޭނގޭ،" ނިމާލް ބުންޏެވެ. އޭނާ ބުނީ، އޭނާގެ ބައްޕަ އަބްދުއްރަހްމާނާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ވެސް ޝައްކުނުކުރެވޭ ކަމަށެވެ. "ވޭތުވެދިޔަ މަހެއް ތެރޭގައި ވެސް އެކަހަލަ ކަމެއް ފާހަގަވެފައެއް ނެތް،" އަދި، ގެއިން އެއްވެސް އެއްޗެއް ގެއްލި، މުދަލަކަށް ވެސް ގެއްލުމެއް މި ފަހުން ނުވަތަ ކުރިން ވެސް މީހެއްގެ ފަރާތުން ލިބިފައިނުވާ ކަމަށް ނިމާލް ބުންޏެވެ. އޭނާ ބުނީ، ނިޔާވުމާ ހަމައަށް ވެސް އޭނާ މަސައްކަތް ކުރަމުން އައީ ބައްޕަ މާލެ ގެނެވޭނެ ގޮތެއް ވޭތޯ ކަމަށެވެ. އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ. ފުލުހުން އަންނަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ. އަދި، މާލެއިން ޚާއްސަ ތަހުގީގު ޓީމެއް ވެސް އަންނަނީ އެ ރަށަށް ދަތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ