ޒަމާނީ ފެންވަރަށް ސަލްމާން މިސްކިތުގައި ތަރައްގީކުރި އިސްލާމީ ކުތުބުޚާނާ ހުޅުވައިފި
ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކުތުބުޚާނާ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ތަރައްގީކުރި ކުތުބުޚާނާ، ދިވެހިބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް (މ) ހުޅުވައިދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްވާން މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހުޅުވީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އެއާއެކު، ދީނީ އިލްމުވެރިންގެ ފޮތްތަކާއި ދިވެހި އަދީބުންގެ ފޮތްތައް ކުތުބުޚާނާއަށް ހަދިޔާކުރެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މި ވަގުތު ވެސް 15،000އަށް ވުރެ ގިނަ ފޮތް ކުތުބުޚާނާގައި ބަހައްޓާފައި ހުންނާނެ ކަމަށާއި، ކުތުބުޚާނާ ހުޅުވާފައި ވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ފަހުގައެވެ. މި ކުތުބުޚާނާ ހުޅުވާފައި ވަނީ ދިވެހި ލައިބްރަރީ ދުވަހާ ދިމާކޮށެވެ. އިސްލާމީ މަރުކަޒުތަކުގައި ކުތުބުޚާނާތައް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ