ޓެސްލާ ކާރުތަކަށް ގްރޮކް އޭއައި އިންޓަގްރޭޓް ކުރަނީ

ޓެސްލާ ކާރުތަކަށް ގްރޮކް އޭއައި އިންޓަގްރޭޓް ކުރާނެކަން އީލޮން މަސްކް އިއުލާން ކުރައްވައިފިއެވެ. އީލޮން މަސްކްގެ އޭއައި ކުންފުނި، އެކްސްއޭއައި އިން އުފައްދާފައިވާ ޖެނެރޭޓިވް އޭއައި ޗެޓްބޮޓް، "ގްރޮކް"، ޓެސްލާގެ ކާރުތަކަށް އިންޓަގްރޭޓް ކުރާނެކަން އީލޮން މަސްކް ކަށަވަރުކޮށްދެއްވާފައިވާއިރު، އެކްސްގައި ހިއްސާކުރެއްވި މައުލޫމާތެއްގައި މަސްކް ވިދާޅުވީ، މި އަޕްޑޭޓް "އެންމެ ލަސްވެގެން އަންނަ ހަފުތާގައި" ލިބޭނެ ކަމަށެވެ. މިއީ ޓެސްލާ ދުއްވުމުގެ ތަޖުރިބާގެ ތެރެއަށް ވާހަކަ ދައްކާ އުސޫލުން އޭއައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އިންޓަގްރޭޝަނާއެކު، ޑްރައިވަރުންނަށް އެމީހުންގެ ކާރާ އަޑުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި އަޕްޑޭޓްގައި ހިމެނެނީ ގްރޮކްގެ އެންމެ ފަހުގެ ވާޝަން ކަމަށްވާ "ގްރޮކް 4"އެވެ. މި ވާޝަންގައި ވިސްނުމުގެ ގާބިލުކަން އިތުރުކޮށްފައިވާއިރު، "އީވް"ގެ ނަމުގައި ޚާއްސަ ވޮއިސް އެސިސްޓެންޓެއް ހިމަނާފައިވެއެވެ. މި ވޮއިސް އެސިސްޓެންޓަށް އިހުސާސްތައް އަޑުން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ގްރޮކްގެ މި ފީޗާއަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، އިޚްތިޔާރުކުރެވޭނެ ތަފާތު 'ޕާސަނަލިޓީ މޯޑް'ތަކެއް ހިމެނޭތީއެވެ. ފާމްވެއާއިން ލީކްވި މައުލޫމާތުތަކުން ދައްކާ ގޮތުގައި، 'ތެރަޕިސްޓް'، 'އާގިއުމެންޓޭޓިވް' (ޖަދަލުކުރާ)، އަދި 'އަންހިންޖްޑް' (ހާސްވުން) ފަދަ މޯޑްތައް ހިމެނެއެވެ. މީގެތެރެއިން ބައެއް މޯޑްތަކަކީ އޮފީސް މާހައުލަށް ނުގުޅޭ މޯޑްތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާތީ، ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި "ހާޑްވެއާ 3" ނުވަތަ އެއަށްވުރެ މަތީގެ ހާޑްވެއާ ހިމެނޭ ޓެސްލާގެ އައު މޮޑެލްތަކަށެވެ. ކާރުތަކުގެ އިތުރުން، ޓެސްލާގެ ހިއުމަނޮއިޑް ރޮބޮޓް "އޮޕްޓިމަސް"ގައި ވެސް ގްރޮކް ބޭނުންކުރާނެ ކަމަށް މަސްކް ވަނީ ވިދާޅުވެފައެވެ. ގްރޮކް އޭއައި އަކީ ތަރައްގީވަމުން އަންނަ ޓެކްނޮލޮޖީއެއް ނަމަވެސް، މީގެ ކުރިން ބޭއަދަބީ އަދި ސިޔާސީ ގޮތުން ނާޒުކު ވާހަކަތައް އުފެއްދުމުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފައެވެ. ގްރޮކް 4 ލޯންޗް ކުރުމުގެ މަރުހަލާގެ ތެރޭގައި ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް އެކްސްގައި ޝެއާ ކުރުމުން، މި ޗެޓްބޮޓް ވަގުތީ ގޮތުން ހުއްޓާލާފައިވެއެވެ. އެކްސްއޭއައި އިން ބުނި ގޮތުގައި، މި މައްސަލަ ދިމާވީ ޔޫޒަރުންގެ އިންޕުޓްތަކަށް މާބޮޑަށް ބަރޯސާވުމުގެ ފުރުޞަތު ދިނުމުގެ ސަބަބުންނެވެ. އެހެންކަމުން، މިކަން ހައްލުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. މިވަގުތު ގްރޮކްގެ ޚިދުމަތް ލިބެނީ ފައިސާ ދައްކައިގެން ލިބޭ ސަބްސްކްރިޕްޝަން މޮޑެލްއެއްގެ ދަށުންނެވެ. އެގޮތުން، އަސާސީ ޕްލޭން މަހަކު 30 ޑޮލަރަށް ލިބޭއިރު، "ހެވީ" ޕްލޭން ލިބެނީ މަހަކު 300 ޑޮލަރަށެވެ. އެކްސްއޭއައިއިން ބުނާ ގޮތުގައި، މުސްތަޤްބަލުގައި ވީޑިއޯ ކޮންޓެންޓް އުފެއްދުމަށާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓަށް ޚާއްސަ އިންސްޓްރޫމަންޓް ހިމެނޭ ވާޝަންތައް ވެސް ނެރުމަށް ވަނީ ރާވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ