ޗައިނާގައި އެޕަލް ހިމެނޭގޮތަށް ބޭރުގެ ފޯނުތަކުގެ ވިޔަފާރި ދަށަށް
ޗައިނާގައި އެޕަލްގެ އައިފޯން ހިމެނޭގޮތަށް، ބޭރުގެ ބްރޭންޑްތަކުގެ މޮބައިލް ފޯނުތަކުގެ ވިޔަފާރި، މިދިޔަ މޭ މަހު 9.7 އިންސައްތަ ދަށަށް ގޮސްފިއެވެ. މިކަން ހާމަވެފައިވަނީ ޗައިނާ ސަރުކާރާ ގުޅުންހުރި އިދާރާއެއް ކަމަށްވާ، ޗައިނާ އެކަޑެމީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (ސީއޭއައިސީޓީ)އިން ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުތަކުންނެވެ. ސީއޭއައިސީޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު، މިއަހަރުގެ މޭ މަހު ޗައިނާގައި ބޭރުގެ ބްރޭންޑްތަކުގެ ފޯނު ޝިޕްކުރި އަދަދު ވަނީ 4.54 މިލިއަނަށް ދަށްވެފައެވެ. ޗައިނާގެ ސްމާޓްފޯން މާކެޓުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ ބޭރުގެ ކުންފުންޏަކީ އެމެރިކާގެ އެޕަލްއެވެ. އެހެންކަމުން، ބޭރުގެ ހުރިހާ ބްރޭންޑެއްގެ ޖުމްލަ ވިޔަފާރީގެ އަދަދުތަކަށް، އެޕަލްގެ ވިޔަފާރި ރަނގަޅުވުމާއި ދަށްވުމުން ވަރަށް ބޮޑު އަސަރެއް ކުރެއެވެ. އެޕަލްއަށް ދަނީ ޗައިނާގެ އަމިއްލަ ކުންފުނިތަކުގެ ފަރާތުން ވާދަވެރިކަން ބޮޑުވަމުންނެވެ. އަދި އެ ވާދަވެރިކަން ދެމެހެއްޓުމަށް އެ ކުންފުނިން ދަނީ ފޯނުތަކުގެ އަގު ހެޔޮކުރަމުންނެވެ. މިގޮތުން، މޭ މަހު ޗައިނާގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ވަނީ އެޕަލްގެ އެންމެ ފަހުގެ އައިފޯން މޮޑެލްތަކުން 2,530 ޔުއާން (351 އެމެރިކާ ޑޮލަރު)އާ ހަމައަށް ޑިސްކައުންޓް ދީފައެވެ. ސީއޭއައިސީޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މޭ މަހު ވިޔަފާރި ދަށްވެފައިވަނީ ހަމައެކަނި ބޭރުގެ ފޯނުތަކެއް ނޫނެވެ. ޗައިނާގެ މުޅި މޮބައިލް ފޯނު މާކެޓް ވެސް ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މޭ މަހު ޗައިނާގައި ފޯނު ޝިޕްކުރި އަދަދު ވަނީ 21.8 އިންސައްތަ ދަށްވެ، 23.72 މިލިއަނަށް ވެއްޓިފައެވެ. ސީއޭއައިސީޓީގެ ރިޕޯޓުގައި އެޕަލްގެ ފޯނު ވިޔަފާރީގެ ވަކި ތަފާސްހިސާބެއް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ