ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ތަރައްގީ ކުރުމަށް ބޭރުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލުކަން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އެބަހުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ މި ދޭތެރެއިން އޮޑިޓާ ޖެނެރަލް އެމްއޭސީއެލްގެ ހިސާބު ކިތާބު އާންމު ކުރި ކަމަށާއި ހިސާބުތައް ހުރީ ރަނގަޅަށް ކަމަށެވެ. އެގޮތުން އެމްއޭސީއެލް އަށް ބޭންކުތަކުން ލޯނު ދެނީ އަދި ފަންޑިން އެޖެންސީތަކުން ލޯނު ދޭއިރު ވެސް ކުންފުނީގެ ބެލެން ޝީޓަށް އަދި ކޭޝް ފްލޯއަށް ބަލާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ފިއުޗާގެ އަޅުގަނޑުމެންގެ ޕްރޮޖެކްޝަންތައް ކިހިނެއްތޯ ބަލާ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ އެމްއޭސީއެލްގައި މި ލޯނުތައް ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބައޮތޭ. އެހެންވީމާ އެއްވެސް ބޭފުޅަކު މިކަމާ ހާސްވެ ވެޑައިގަންނަވާނެ ކަމެއް ނެތް. އެމްއޭސީއެލް މި ލޯނުތައް ދައްކާ ނިންމާނެ،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީގެ މަގާމާއި ހަވާލުވިއިރު ވީއައިއޭގައި ކާގޯ ޓާމިނަލެއް ހުރި ނަމަވެސް އެތަން ހުރީ ބޭނުން ނުކޮށް ކަމަށެވެ. ނަމަވެސް ދެމަސް ދުވަހުގެ ތެރޭގައި ކާގޯ ޓާމިނަލް އޮޕަރޭޝަނަށް ގެނެސްފައި ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ސީޓުއެއާ ކާގޯ އާއި ނޯމަލް ކާގޯ އިތުރުކުރުމާއި ފިއުލް ހައިޑްރެންޓް ސިސްޓަމް އޮޕަރޭޝަނަށް ގެނައުން ފަދަ ވިޔަފާރީގެ އެތައް ކަމެއް އެއާޕޯޓުގައި މިހާރު ކުރިއަށްގެންދާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
މީގެއިތުރުން އާ ޓާމިނަލާއެކު ޑިއުޓީ ފްރީ އާއި އެފްއެންބީގެ ހިދުމަތްތައް އިތުރުވެ، އޭގެއިން ލިބޭ މަންފާ ވެސް އިތުރުވެގެންދާނެކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.
ލޯނުތައް ދެއްކުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަހުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ