މަގު ހުރަސްކުރި ދުވަސްވީ މީހެއް ގައިގައި ކާރަކުން ޖެހި ހޮސްޕިޓަލުގައި، މަޑު ނުކުރުމުން ޑްރައިވަރު ހައްޔަރަށް

ކަފިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ދުއްވާފައި އައި ޕްރައިވެޓް ކާރަކުން ޖެހި، އެ މީހާގެ އެއްފައިގެ ކަށިމަތި ބިންދައިގެން ގޮސްފިއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 9:30 ހާއިރު ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި މީހާގެ ގައިގައި ކާރުން ޖެހި، އެ މީހާ ވެއްޓުމުން، ކާރު މަޑުނުކޮށް އެ ސަރަހައްދުން ދުއްވާފައި ދިޔައީ ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައި ކަމަށާއި، އައިޖީއެމްއެޗްގައި އެ މީހާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖު ބަލައި، ކާރު ދުއްވި މީހާ ހޯދައި، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 57 އަހަރުގެ ފުވައްމުލައް / ދަޑިމަގު, ނައިސް، ޚާލިދު ޢަބްދުﷲ ޢަލީއެވެ. އޭނާގެ ލައިސަންސް މި މައްސަލައާ ގުޅިގެން ހިފަހައްޓާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ