ގަވާއިދުގައި ބަޔާންކޮށްފައި ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ސައްހަކަން އޮޑިޓާ ޖެނެރަލް އޮފީހުން ކަށަވަރު ނުކުރާ ކަމަށް ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ ޓްރެއިނިން އެންޑް ސްޓޭކްހޯލްޑާ މެނޭޖާ، އަހްމަދު އަޝްފަހު އަދަދު އަށް ވިދާޅުވީ އެ އޮފީހުގެ މަސްއޫލިއްޔަތަކީ މެންބަރުންގެ މާލީ ބަޔާންތައް މަޖިލީހުން ފޮނުވުމުން ބަލައިގަތުން އެކަނި ކަމަށެވެ.
އެ މާލީ ބަޔާންތަކުގެ ސައްހަކަން އޮޑިޓާ ޖެނެރަލް އޮފީހުން ކަށަވަރު ނުކުރާތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ގަވާއިދުގައި ބަޔާން ކޮށްފައި ނެތުމުން މިހާތަނަށް އެ ބާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރު ކޮށްފައި ނުވާ ކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރީ ސެޕްޓެމްބަރު 3، ގަ އެވެ. މެންބަރުންގެ މާލީ ބަޔާންތައް ހާމަކުރުމާއެކު، ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގެ ސައްހަކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ މުއްދަތުގައި ފަސް މެންބަރަކު މާލީ ބަޔާން ހުށަހަޅާފައެއް ނުވެ އެވެ. އެކަމަކު އެ މެންބަރުންނަށް 15 ދުވަހުގެ ނޯޓިސްއެއް ދިނުމާއެކު މާލީ ބަޔާން ފަހުން ހުށަހެޅި އެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މެންބަރުންގެ މާލީ ބަޔާން ތައްޔާރުކުރަން ޖެހޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮން އެއް އަހަރުގެ މުއްދަތު ގުނަނީ ހިނގަމުންދާ އަހަރުގެ މޭ 28، އިން ވިދިގެން އަންނަ އަހަރުގެ މޭ 27، ގެ ނިޔަލަށެވެ.
މެންބަރުންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް 31، ގެ ކުރިން އަމީން އާންމަށް ހުށަހަޅަން ޖެހެ އެވެ. މާލީ ބަޔާންތައް އަމީން އާންމަށް ލިބޭތާ ހަތް ދުވަސް ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހަށް ފޮނުވާއިރު، އެ މާލީ ބަޔާންތައް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރާން ޖެހެ އެވެ.
ނަމަވެސް އޮޑިޓާ ޖެނެރަލް އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކާ މެދު އަމަލުކުރަން ޖެހޭ ގޮތެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ.
މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް ހާމަކުރާ ގޮތަށް މަޖިލީހުގެ ގަވާއިދުގައި 2019 ވަނަ އަހަރު ހިމެނުމާ ގުޅިގެން އެކަމާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން އަމަލުކުރަން ޖެހޭ ގަވާއިދެއް ހަދަން މަޝްވަރާތަކެއް ކުރެވުނެވެ. އެކަމަކު މިހާތަނަށް ވެސް އެފަދަ ގަވާއިދެއް ހަދާފައެއް ނުވެ އެވެ.
ގަވާއިދުގައި ނެތުމުން މެންބަރުންގެ މާލީ ބަޔާންތަކުގެ ސައްހަކަން އޮޑިޓް އޮފީހުން ނުބަލާ ގަވާއިދުގައި ނެތުމުން މެންބަރުންގެ މާލީ ބަޔާންތަކުގެ ސައްހަކަން އޮޑިޓް އޮފީހުން ނުބަލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ