އދ. ގެ ފާސް ހޯދުމާއި ގުޅިގެން ނަޝީދާ މެދު ކަންކުރިގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އދ. ގެ ފާސް ހޯދުމާއި ގުޅިގެން ނަޝީދާ މެދު ކަންކުރިގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް

ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒަށް ވަނުމަށް ބޭނުންވާ ފާސް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ފާހާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިންކާރުކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.
މި ވަގުތު އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނަޝީދު ގޮސް ހުންނެވި ނިއުޔޯކުގަ އެވެ. އެހެން ހައިސިއްޔަތަކުން އދ. އަށް ވަނުމާއި ޖަލްސާގައި ބައިވެރުމަށް ހުރަހެއް ނެތަސް ސަރުކާރުން ފާސް ހޯދައިދޭން އިންކާރުކުރި ކަމަށް ބުނެ ނަޝީދުގެ އޮފީހުން ސިޓީ ނެރުނީ އިއްޔެ އެވެ.
މިއާއެކު ގިނަ ބަޔަކު ވަނީ ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލަށް ފާޑުކިޔާފަ އެވެ. މިކަމާއި ގުޅިގެން އަދަދު ނޫހުން ރޭ ލިޔުނު ހަބަރާއި ނަޝީދުގެ އޮފީހުން ނެރުނު ބަޔާން އާންމުކޮށް ކުރި ޕޯސްޓަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔުމުގެ ރިޕްލައިތައް ކޮށްފަ އެވެ.
"އަންނި ގެ ލެވެލް އަށް އައިސްފަ ފުއްޕަން އުޅޭ ނަމަ ވެސް ރަނގަޅު. މި ސަރުކާރަށް ބައިނަލްއަގުވާމީ މުޖުތަމައުގައި އެއްވެސް ކަހަލަ މަގުބޫލުކަމެއް ނެތް، އެކަމަކު މިހިރީ ކުރާ ކަންކަން،" އެކަކު ލިޔެފައިވެ އެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖެއިން ކްލައިމެޓް ފައިނޭންސިންގެ ގޮތުގައި ފައިސާ ހޯދަން ދާން ޖެހޭނީ ވެސް ނަޝީދު ގޮވައިގެން ކަމަށް އޭނާ އިތުރަށް ލިޔެފައިވެ އެވެ.
"ތި ފޮރިން މިނިސްޓްރީން ދިވެހި ރާއްޖޭއަށް ކޮއްދޭ އެއްވެސް ކަމެއް ނުފެނޭ، ފޮށި ތަންމަތި ހިފައިގެން ގައުމުތަކަށް އުދުހުން ނޫން ކަމެއް ނުކުރޭ،" އިތުރު މީހަކު އެކްސްގައި ލިޔެފައިވެ އެވެ.
އިތުރު މީހަކު ލިޔެފައިވާ ގޮތުގައި މިކަމުން ދޭހަވަނީ މުއިއްޒު ހަސަދަވެރިކަމުގައި ހައްދުފަހަނައަޅާފައިވާކަން ކަމަށެވެ. ސަރުކާރުން އެއްބާރުލުން ނުދިނަސް އދ. ގެ ޖަލްސާގައި ނަޝީދު ބައިވެރިވާނެކަން އޭނާ ފާހަގަކޮށްފައިވެ އެވެ.
މިކަމުގެ ސަބަބުން ނަޝީދަށް ކުރިމަތިވި ފާޑުކިޔުން ވެސް މަދެއް ނޫނެވެ. ގިނަ ބަޔަކު ފާޑުކިޔާފައިވަނީ މި ސަރުކާރު ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތާއި މުއިއްޒު އާއި އެކު ކުރި ސިޔާސީ މަސައްކަތްތަކާ ގުޅުވަ އެވެ.
ނަޝީދަށް އަދިވެސް މީހުން ދަސްނުވާ ކަމަށާއި ސިޔާސީ ހަޔާތުގައި އެމަނިކުފާނުގެ އެންމެ ބަލި ފަޔަކީ އެއީކަން ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.
މި ސަރުކާރަށާއި މުއިއްޒު އަށް ސަނާކިޔާ، ސަރުކާރު ގެނައުމުގެ މަސައްކަތް ކުރުމުން ނަޝީދަށް ހައްގުވަނީ މިކަން ކަމަށް ވެސް އަނެއް ބަޔަކު ބުނެފައިވެ އެވެ. މި ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ މި ސަރުކާރުގެ ސަޕޯޓަރުންނާއި އެމްޑީޕީއިން ނަޝީދު ވަކިވެ ރިޔާސީ އިންތިހާބުގެ ތެރޭ ކުރި ކަންކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންދާ މީހުންނެވެ.
އަބަދުވެސް ދިވެހި ދިދަ އާއި ނިޝާން ޖެހި ފާހުގައި ތަމްސީލުވާން ނަޝީދު އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެ ފާސް ހޯދުމަށް އެދިވަޑައިގަތީ އެ ސަބަބާ ގުޅިގެން ކަމަށް ނަޝީދުގެ އޮފީހުން ރޭގަ ބުންޏެވެ.
"ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދަ،" ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ