މިނިވަން ނޫސްވެރިކަމަށް ހުރަސްނާޅަން އިނގިރޭސިވިލާތުން ރާއްޖެއަށް ގޮވާލައިފި

މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަންކުރުމަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވަނިކޮށް، ޒިންމާދާރު މިނިވަން ނޫސްވެރިކަމަށް ހުރަސްނާޅަން އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިދިޔަ އަހަރު ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ސަމޯއާގައި ބޭއްވި ބައްދަލުވުމުގައި މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގެ މުހިންމު އަސާސް ކަމަށް ހުރިހާ ގައުމަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.ރާއްޖޭން މި އެއްބަސްވުމުގައި ބައިވެރިވެވަޑައިގެންނެވީ، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ކަމަށްވާއިރު، އެ ކޮމިޝަނުން ވަނީ އެ ދުވަހުގެ ވައުދަށް އިހުތިރާމުކޮށް، އެ ކަންކަން ދަމަހައްޓަން ކޮމަންވެލްތުގެ ހުރިހާ ގައުމުތަކަށް ގޮވާލާފަ އެވެ.މަޖިލީހުން މި ބިލް ފާސްކުރުމާ ގުޅިގެން، އެމެރިކާއިން ވެސް ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް ރާއްޖެއަށް ގޮވާލައިފަ އެވެ. މީޑިއާ ރެގިއުލޭޓް ކުރާ ބިލުގައި، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށާއި އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް ކުރިން ބަޔާންކޮށްފައި އޮތަސް މަޖިލިހުން ބިލް ފާސްކުރީ އެ ބައިތައް އުނިކޮށްފަ އެވެ.މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެ އެވެ.އެ ގާނޫނުގެ ދަށުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސް މަޖައްލާއަކުން ހިލާފުވެއްޖެ ނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށާއި ގާނޫނާ ހިލާފުވުން ތަކުރާރުވަމުންދާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެ އެވެ. އަދި ނޫސްތައް 5000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ