ކުޑަ 2 އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް

ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ. ޒިންމާދާރު މަގާމެއްގައި ހުރި މީހަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެނެއްގެ ދެ އަންހެން ކުދިން ކުރިމަތީގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަންހެން މީހާގެ ރުހުމުގައި ހިންގި މި އަމަލުގެ މަންޒަރު ދައްކައި، އެ ކުދިން ގްރޫމްކޮށްގެން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުގައި ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން "ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން ބުނީ މި މައްސަލަ އެެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގައި ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެކެވެ. އެގޮތުން އެފަދަ މައްސަލަތައް އެންމެ ގިނައިން ފެންމަތިވަނީ އާއިލާގެ ތެރެއިން ނުވަތަ ގާތް މީހުންގެ ފަރާތުން ކަމަށްވާއިރު، އެފަދަ ކުށް ކުރާ މިންވަރާ އަޅައިބަލާއިރު ރިޕޯޓު ކުރުން މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ