އެފްއޭއެމް އިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އިނާމް ފައިސާ އަށް ވާ 75000 ޑޮލަރު ދައްކައިފި އެފްއޭއެމް އިން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އިނާމް ފައިސާ އަށް ވާ 75000 ޑޮލަރު ދައްކައިފި

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އާއި ރަނަރަޕަށް ދޭން ޖެހޭ އިނާމް ފައިސާ އަށް ވާ 75000 ޑޮލަރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފި އެވެ.
އެފްއޭއެމް އިން ބުނީ، މާލޭގައި 2021 ވަނަ އަހަރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ރަނަރަަޕަށް ދިޔަ ނޭޕާލަށް ދޭން ޖެހޭ 75000 ޑޮލަރު (1.15 މިލިއަން ރުފިޔާ) ހަމަޖައްސާފައިވާ ކަމަށެވެ. ޗެމްޕިއަންކަން ހޯދި އިންޑިއާ އަށް 50،000 ޑޮލަރު ދޭން ނިންމިއިރު، ރަނަރަޕަށް ދިޔަ ނޭޕާލަށް ދޭން ނިންމީ 25000 ޑޮލަރު އެވެ.
ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅޭ ފައިސާތަކުގެ ކަންކަން އެފްއޭއެމް އިން ހަމަޖައްސާފައިނުވާތީ، އެ މައްސަލައިގައި ސާފް އިން ވަނީ ފިޔަވަޅުތަކެއް އަޅަން މަޝްވަރާކޮށްފަ އެވެ.
އެ ގޮތުން، މިދިޔަ އަހަރު ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއްގެ އިތުރުން، ކޮންގްރެސްގައި އެންމެ ބޮޑަށް ދެކެވުނު ވާހަކަ އަކީ، ރާއްޖޭން 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާ ގުޅޭ ފައިސާތައް އަދާކޮށްފައިނުވާ މައްސަލަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ރަނަރަޕަށް ދިޔަ ނޭޕާލަށް ދޭން ޖެހޭ ފައިސާގެ އިނާމާއި ޓީމުތަކުން ބައިވެރިވި ފީ އާއި ސާފް އަށް ދައްކަން ޖެހޭ ފީ އެފްއޭއެމް އިން ދީފައިނުވެ އެވެ.
ތަކުރާރުކޮށް، މި ފައިސާ ދައްކަން އެފްއޭއެމަށް ސާފުން ދިން މުހުލަތުތަކުގައި ވެސް އެކަން ކޮށްފައިނުވާތީ، ސާފްގެ މެމްބަރުން އައީ އެ ކަމާ ނުރުހުން ފާޅުކުރަމުންނެވެ. ފައިސާތައް އަދާނުކުރާ މައްސަލައިގައި އެފްއޭއެމް އިން އެކަށީގެންވާ ޖަވާބުތަކެއް ވެސް ނުލިބޭތީ، ސާފުން މި މައްސަލަ އޭއެފްސީ އަށް ވެސް ހުށަހެޅި އެވެ. އަދި، ރާއްޖެއާ މެދު ފިޔަވަޅުތަކެއް އަޅަން ވެސް ސާފްގެ ލީޑަޝިޕުން މަޝްވަރާކުރި އެވެ.
މިދިޔަ ޖުލައި މަހު އެފްއޭއެމްގެ ލީޑަޝިޕާ ހަވާލުވި، އެސޯސިއޭޝަންގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕުން އެފްއޭއެމްގައި ހުރި މާލީ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރަމުން އަންނައިރު، ސާފަށް ދައްކަންޖެހޭ މި ފައިސާގެ ކަންކަން ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ. އެފްއޭއެމުން ވަނީ، އަންނަ އަހަރު ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ހޯސްޓްކުރަން ޝައުގުވެރިކަންފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ