ޓެކްސީ ލައިން ފަށަން މުސާރަ ނުބުނެ ޑްރައިވަރުން ހޯދަނީ
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާނުކޮށްފި އެވެ.މާލޭ ޓެކްސީ ސާވިސް ފެށުމަށް ހަވާލުވެފައިވާ އެމްޓީސީސީން އިއްޔެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެ އެވެ.އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.އެ ކުންފުނިން ބުނީ މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.އެކަމަކު ޓެކްސީ ޑްރައިވަރުން ހޯދަން އިއުލާނުކުރިޔަސް އެ ހިދުމަތް ފަށާނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ.އެ އިއުލާނުގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ މުސާރައާއި އިނާޔަތްތައް ދޭނީ ކުންފުނިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ޕާޓް ޓައިމް ޑްރައިވަރުންގެ ސާވިސް ފީގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ