ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖޭގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖޭގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ ފުރަތަމަ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ސާފުން އަންހެން އަދި ފިރިހެން ޓީމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ތާވަލުކޮށްފައިވަނީ، ޖެނުއަރީ މަހުގެ 13-26 އަށް ތައިލެންޑުގައި ކުރިއަށްގެންދާ ގޮތަށެވެ. މިއީ، ސާފް އިން މި ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މި ފަހަރުގެ މުބާރާތުގައި، ސާފްގެ ހުރިހާ ގައުމެއް އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ވާދަކުރާނެ އެވެ. ބަންގްލަދޭޝްގައި އިއްޔެ ކުރިއަށްދިޔަ ގުރުއަތުލުމުގައި ހާމަކޮށްފައިވާ ގޮތުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު ފޯމެޓަށް އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. އަދި، މުބާރާތުގެ ގުރުއަތުލުމުގައި މިއަދު އޮތީ ޓީމުތައް ސީޑްކުރުމެވެ.
އެ ގޮތުން، ފިރިހެން ޑިވިޝަނުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ޕާކިސްތާނާ ބައްދަލުކުރާނެ އެވެ. ދެ ވަަަނަ މެޗުގައި ޖެނުއަރީ 16 ވަނަ ދުވަހު ބަންގްލަދޭޝާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި ޖެނުއަރީ 20 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ފަސް ވަނަ މެޗުގައި ޖެނުއަރީ 24 ވަނަ ދުވަހު، ބޫޓާނާ ކުޅުމަށް ފަހު، މުބާރާތުގައި ރާއްޖޭން ފަހު މެޗުގައި، ޖެނުއަރީ 26 ވަަނަ ދުވަހު ބައްދަލުކުރާނީ، ސްރީ ލަންކާއާ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކޮންމެ ޑިވިޝަނެއްގައި ވެސް 21 މެޗު ކުޅޭނެ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ، ދުނިޔޭގެ 106 ވަނައިގަ އެވެ. މިއީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ބަލާނަމަ އެއް ވަނަ އެވެ. ނޭޕާލް، ދުނިޔޭގެ 118 ވަނައިގައި އޮތްއިރު، އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން އަދި ބޫޓާން އަދި ފުޓްސަލްގައި ރޭންކް ކުރެވިފައިނުވެ އެވެ.
ސާފްގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ފުރަތަމަ މެޗުގައި، ޖެނުއަރީ 13 ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، ޖެނުއަރީ 15 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، ޖެނުއަރީ 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި ޖެނުއަރީ 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. ފަސް ވަނަ މެޗުގައި، ޖެނުއަރީ 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި ޖެނުއަރީ 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މިއީ، ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ