ސަރުކާރާ ހަވާލުވިއިރާ އަޅާބަލާއިރު ގޭންގު ކުށްތައް 23 އިންސައްތައިން ދަށްވެއްޖެ: އިޙްސާން
ސަރުކާރާ ހަވާލުވިއިރާ އަޅާބަލާއިރު މިހާރު ގޭންގު ކުށްތައް 23 އިންސައްތައިން ދަށްވެއްޖެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިގޮތަށް ވިދާޅުވީ ޕީއެސްއެމްގެ ހަފްތާ 104 ޕްރޮގްރާމަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ހޯމް މިނިސްޓްރީން ފުލުހުންގެ ތެރޭގައި ގޭންގު ސަޕްރެޝަން ޔުނިޓެއް އުފެއްދެވި ކަމަށެވެ. އެ ޔުނިޓު އުފެއްދެވި ފަހުން ފާއިތުވީ ދެ އަހަރާ އަޅާބަލާއިރު ގޭންގު ކުށްތައް 23 އިންސައްތައިން ދަށްވެއްޖެ ކަމަށް އިޙްސާން ވިދާޅުވިއެވެ. "މީގެ މަސައްކަތުން ފާއިތުވެދިޔަ ދެ އަހަރާ ބަލާއިރު ގޭންގު ކުށްތައް 23 އިންސައްތައިން ދަށްކުރެވިއްޖެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން އަހަރު ނިމޭއިރުގައި މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ރައްޔިތުން ގަބޫލުކުރާ މިންވަރަށް ގޭންގު މައްސަލަ އަޅުގަނޑުމެން ހައްލުކުރާނަން،" އިޙްސާން ވިދާޅުވިއެވެ. https://sun.mv/214092 އިޙްސާން ވިދާޅުވީ މީގެ ކުރީގައި ވެސް ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނެއް ވުޖޫދުގައި އޮތް ނަމަވެސް އެ ގާނޫނު އޮތީ މާނައެއް ނެތް ގޮތުގައި ކަމަށެވެ. އެހެންވެ، އެ ގާނޫނަށް ގެންނަން ޖެހޭ އެކަށީގެންވާ ބަދަލުތައް ސަރުކާރުން ގެނެސްދިން ކަމަށް އިޙްސާން ވިދާޅުވިއެވެ. އެ ގާނޫނުގެ ދަށުން މިހާރު ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތްކުރަމުންދާކަން އިޙްސާން ފާހަގަކުރެއްވިއެވެ. މި އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޭންގު ކުށްތަކުގެ ބިލު ތަސްދީގުކުރެއްވިއެވެ. މި ބިލު ތަސްދީގުކޮށް، އެއަށް އަމަލުކުރަން ފެށީ ނިމުނު އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގާނޫނުގެ ދަށުން މިހާތަނަށް ދެ މީހުން ހައްޔަރުކޮށްފައިވެއެވެ. މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި، ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރާއި، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން، ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން ވެސް ގާނޫނުގައި ހިމަނައިފައިވެއެވެ. https://sun.mv/214067 ފަނޑިޔާރުކަމާ ހަވާލުވާން މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު ކަމުން އިސްތިއުފާދެއްވި މުހައްމަދު ޝަހީދު، އެ މަގާމުގައި ހުންނަވައިގެން މި އަހަރުގެ އެޕްރީލް މަހު މީޑިއާއަށް ހިއްސާކުރެއްވި ގޮތުގައި، ރާއްޖޭގައި ޖުމުލަ 83 ގޭންގު އުފެދިފައިވެއެވެ. އެ ގުރޫޕުތަކުގައި އެކްޓިވްކޮށް 3،500 އަށް ވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާއިރު، މާލޭގައި އެކަނި 45 ގޭންގު އޮތް ކަމަށް ވިދާޅުވެފައިވެއެވެ. މާލޭގައި އުފެދިފައިވާ ގޭންގުތަކުގައި 85 ކުޑަކުދިންނާއި 2،500އަށް ވުރެ ގިނަ މެންބަރުން ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި 31 ގޭންގެއް އަތޮޅުތެރޭގައި އޮޕަރޭޓުކުރާކަމަށް ވިދާޅުވިއިރު އޭގެ ތެރޭ 10 ކުޑަކުދިންނާއި ހާހަކަށްވުރެ ގިނަ މެންބަރުން އެ ހަރާކާތްތެރިވާ ކަމަށް ތުހުމަތުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ