ޓްރަމްޕްއާ ގުޅުން ގޯސްވި ނަމަވެސް، ސައުދީ ވަލީއަހުދުގެ ފަރިއްކޮޅަށް މަސްކް ވައިޓް ހައުސްއަށް
އެމެރިކާއަށް މިހާރު ދަތުރުކުރައްވަމުން ގެންދަވާ ސައުދީ އަރަބިއާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޝަރަފުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ރޭގަނޑުގެ ފަރިއްކޮޅުގައި، ޓްރަމްޕާ ގުޅުން ގޯސްވެފައިވާ މަހުޖަނު އީލޮން މަސްކު ވެސް ބައިވެރިވެއްޖެއެވެ. ވައިޓް ހައުސްގައި އިއްޔެ ބޭއްވި ފަރިއްކޮޅުގައި ސަރުކާރުގެ އިސް ވެރިންގެ އިތުރު ވިޔަފާރިވެރިން ވެސް ބައިވެރިވިއެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ފަރިއްކޮޅުން މަސްކް ފެނުމަކީ ޓްރަމްޕާއެކު ގޯސްވެފައިވާ ގުޅުން ސުލްހަވާން އުޅޭ ކަމުގެ އިޝާރާތެކެވެ. މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ތާއީދުކޮށް ކެމްޕޭނަށް މިލިއަނުން ޚަރަދުކުރެއްވި މަސްކަށް, ޓްރަމްޕް ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޑިޕާޓްމެންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް)ގެ ޒިންމާތައް ހަވާލުކުރިއެވެ. ނަމަވެސް ޑޯޖްގެ ދައުރު ހަމަވުމާއެކު މިދިޔަ މެއި މަހު ސަރުކާރުން ވަކިވިކަން މަސްކު ވަނީ އިއުލާނުކޮށްފައެވެ. މަސްކް ވަކިވުމުގެ ކުރިން ވަނީ، ޑޯޖްއިން ކުރި މަސައްކަތުގެ ބޭނުން ކެނޑޭ ގޮތަށް، ސަރުކާރުގެ ޚަރަދާއި ދަރަނި ބޮޑުވާ ގޮތަށް ފާސްކުރި 'ބިގް ބިޔުޓިފުލް ބިލް' އާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ. އޭގެފަހުން ޓްރަމްޕާއި މަސްކާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. ސައުދީ ވަލީއަހުދަށް އެރުވި ފަރިއްކޮޅުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރި ވަނީ. ފޮޓޯ/ރޮއިޓާސް ފަރިއްކޮޅުގައި ބައިވެރިވި އެހެން މީހުންގެ ތެރޭގައި ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ހިމެނެއެވެ. ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވައިޓް ހައުސްއަށް ވަޑައިގަތުމުން ޓްރަމްޕް ވަނީ އެންމެ މަތީ އިއްޒަތުގައި މަރުހަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ