ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ ބަދަލު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އަދި އެ ޕާޓީގެ އެހެން ބައެއް މެންބަރުން ތާއީދު ނުކުރައްވާ ކަން ހާމަކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ހުށަހެޅި ބިލުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރެއްގެ ގޮނޑި ގެއްލޭނީ އޭނާ މަގާމުން ވަކި ކުރަން ނަގާ ރިފެރެންޑަމް ވޯޓެއްގައި ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ.
މި ބިލަށް ތާއީދު ނެތް ކަމަށް ވިދާޅުވެ ފުރަތަމަ ވާހަކަދެއްކެވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. ބިލަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މަޖިލީހަށް މެންބަރަކު އިންތިހާބުކުރީ ވަކި ސިޔާސީ ޕާޓީއަކުން ކަަމަށްވާނަމަ ދައުރު ނިންމާލަން ޖެހޭނީ އެ ޕާޓީއެއްގައި ހުރެގެން ކަމަށެވެ.
"އަޅުގަނޑު ތާއީދެއް ނުކުރަން. ސަރުކާރުގެ ފަރާތުން ފޮނުވިޔަސް އަދި ބާރަށު ދާއިރާގެ މެންބަރު ހުށަހެޅިޔަސް ތާއީދެއް ނުކުރަން. އަޅުގަނޑު ތާއީދުކުރާނީ މިހާރު މިއޮތް ގޮތަށް މީތި ބާއްވަން. އޭނަގެ ގޮނޑި ގެއްލިއްޖިއްޔާ އެއީ ގެއްލެން ޖެހިގެން ގެއްލޭނީ. ގޮނޑި ގެއްލުނީމަ ދާންވީ. ގޮސްފަ އަނެއްކާ އަނެއްކާ ވެސް ކުރިމަތިލައިގެން އިންތިހާބުވެގެން އަންނަންވީ އަނެއްކާ ވެސް،" އައިބީ ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި ބިލަށް ތާއީދުނުކޮށް ދެން ވާހަކަދެއްކެވި ޕީއެންސީގެ މެންބަރަކީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. ތާއީދު ނުކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޕާޓީތަކުން ވަކިކުރުމުން އެ މެންބަރަކު ގޮނޑީގައި ބެހެއްޓުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޮޑު ހަރަދެއް ކުރަން ޖެހުމެވެ.
"މިގޮތަށް މި އިސްލާހު ގެނައިމަ މި ވާގޮތަކީ ކޮންމެ އަހަރަކު އަޅުގަނޑުމެން ޕާޓީތަކުން ނިންމާ ނިންމުންތަކާއި ގުޅިގެން އަޅުގަނޑުމެން އަނެއްކާ ވެސް މި ޖެހެނީ އިންތިހާބުތަކަކަށް ދާން. ދާއިރާތަކުގެ އިންތިހާބުތަކަކަށް ދާން. ވަގުތުތަކެއް ދީގެން އަޅުގަނޑުމެން އެކަން ކުރިޔަސް ބޮޑެތި ހަރަދުތަކެއް ހިނގާނެ،" މަމްދޫހު ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނައި އިސްލާހާއެކު، މިހާރު އޮތް ގޮތުން ޕާޓީއަކުން މެންބަރަކު ވަކި ކުރި ނަމަވެސް ބައި-އިލެކްޝަނެއް ބާއްވަން ޖެހޭނެ އެވެ.
މަމްދޫހަށްފަހު މި ބިލާއި ދެކޮޅަށް ވާހަކަދެއްކެވީ ޕީޖީ ލީޑަރު ފަލާހު އެވެ. އޭނާ ވިދާޅުވީ މަޖިލީހާއި ކައުންސިލްތަކަށް އަދި ރައީސުލްޖުމްހުރިއްޔާ ކަމަށް ވެސް އިންތިހާބުވާ ގިނަ ބޭފުޅުން ވާދަކުރަނީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި އެ ޕާޓީތަކުގެ ސިޔާސަތު ވިއްކައިގެން ކަމަށެވެ.
"ހަގީގަތަކީ. އަޅުގަނޑުމެން މިތަނަށް މި އަންނަނީކީ އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އޭގެތެރޭގަ އެއްވެސް ވަރަކަށް އިސްކުރަން ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެންގެ އެއްވެސް އިއްޒަތްތެރި މެންބަރެއްގެ ވިސްނުން ހުރީކީ ވެސް އެގޮތަކަށް ނޫން،" ފަލާހު ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މަމްދޫހު ދެއްކެވި ވާހަކައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ފަލާހު ވެސް ވިދާޅުވީ އޭނާއަށް ބޮޑަށް ފެންނަނީ މި އިސްލާހު ފާސް ނުކުރަން ކަމަށެވެ.
"އަޅުގަނޑަށް ވެސް ބޮޑަށް ތާއީދުކުރެވެނީ މީގަ ކޮންމެހެން. އަޅުގަނޑުމެން. މިސާލަކަށް އެ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ޕާޓީން ވަކިވީމަ އެހެރީ ގޮނޑި ގެއްލިފަ. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑު ގޮސް އިނގުރައިދޫ ދާއިރާގަ، އަނެއްކާ އެތަނަށް ކުރިމަތިލައިގެން އަންނަން. އަޅުގަނޑު ކުރިމަތިލަންޏާ ގޮނޑި ގެއްލުނީމަ ގޮސް އަމިއްލައަށް ކުރިމަތިލާންވީ،" ފަލާހު ވިދާޅުވި އެވެ.
ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވުމަށްފަހު އެ ޕާޓީއަށް އެ މެންބަރެއްގެ ހިދުމަތް ކަމުނުދާ ކަމަށް ދެކި، ޕާޓީއަށް ބޭވަފާތެރިވާ ކަމަށް ފެންނަ ހިނދެއްގައި މެންބަރަކު ވަކިކުރުމަކީ މައްސަލައެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ. އެގޮތަށް ޕީއެންސީ އިން އޭނާ ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި އިސްލާހަށް ތާއީދުކޮށް ވާހަކަދެއްކެވި މެންބަރުންގެ ތެރޭގައި ބިލު ހުށަހެޅުއްވި ޝުޖާއު އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނެ އެވެ.
ޕާޓީއަކުން މެންބަރަކު ވަކި ކުރުމުން ރެފެރަންޑަމަކަށް ދާންޖެހޭ އިސްލާހަށް ޕީއެންސީ ބައެއް މެންބަރުންގެ ތާއީދެއް ނެތް ޕާޓީއަކުން މެންބަރަކު ވަކި ކުރުމުން ރެފެރަންޑަމަކަށް ދާންޖެހޭ އިސްލާހަށް ޕީއެންސީ ބައެއް މެންބަރުންގެ ތާއީދެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ