ލޯބިވެރިޔާ ކެހިދިނުމުން ލިބޭ ހިތާމަތަކަށް ކެތްނުކުރެވިގެން ލަފާ ހޯދަން އަންނަ އަންހެންކުދިން ވަރަށް ގިނައިން ބުނެއެވެ. "އޭނާ އަހުރެންނާއި އެވަކިވީ ޢިއްފަތްތެރިކަންވެސް ގެއްލުވާލައިފައެވެ. އަގެއް ނެތް މަސްގަނޑަކަށް ހަދައިފައެވެ." ޖަވާބުގައި އަހުރެން ކުރަނީ ސުވާލެކެވެ. "އެކަންކަން އޭނާކުރީ ގަދަކަމުން ހެއްޔެވެ؟ ނުވަތަ ތިބާ ރުހިގެން ހެއްޔެވފެ؟"
އެސުވާލުކުރުމުން ގިނަކުދިން އިސްދަށަށް ޖަހަނީއެވެ. ޖަވާބެއް ނުދެއެވެ. އަނެއްބައިކުދިން އެކުދިންގެ ކުށަށް އިޢުތިރާފްވެއެވެ. އަހުރެން ބުނަމެވެ. "ތިއަހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ މީހެއްގެ ލޯބި ލިބިދާނެކަމުގެ އުންމީދުގައި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދޫކޮށްލީމާ ދެން ލިބެން އޮންނާނީ ކޮން އިފާވެރިކަމެއް ހެއްޔެވެ؟"
ފިރިހެނަކުވިޔަސް އަދި އަންހެނަކު ކަމުގައިވީނަމަވެސް މިއަދު މިފެންނަނީ ބައިވެރިއަކު ހޯދުމަށްޓަކައި މަގުމައްޗަށް ނުކުމެގެން ދެކޮޅަށް ދުވާތަނެވެ. އެއިން މީހެއްގެ ގާތުގައި ކައިވެނިނުކޮށް މީހަކާއި ތަތްނުވާން ބުނެފިނަމަ އެއީ މިފަދަ ޒަމާނެއްގައި ކިހިނަކުން ކުރެވޭނެ ކަމެއްތޯ ސުވާލުކުރެއެވެ.
އެހެން އެބުނަނީ ކަމުގެ ޙަޤީޤަތަށް ނުބަލައި މަގުމައްޗާއި އެހެން ތަންތަނުން ފެންނަ މަންޒަރުތަކަށް ބަލާތީއެވެ. އެހެން މީހުން އުޅޭ ގޮތަށް ބަލާތީއެވެ. ގިނަ މީހުން އުޅޭގޮތަކީ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭތީއެވެ.
ބުނަން ހެއްޔެވެ؟ ކޮންމެ މީހަކާއި ބައްދަލުވިނަމަވެސް އެމީހާ ކިތަންމެ ވަރަކަށް ކަމުދިއަ ނަމަވެސް އެމީހެއްގެ އަތުގައި ހިފަން ބޭނުންނުވާށެވެ! ގައިގައި އަތްލަން ބޭނުން ނުވާށެވެ! އެއިގެ ބަދަލުގައި ތިބާގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤީ ސިފަތައް ދައްކާށެވެ! ތިބާއަކީ ހަރުދަނާ މީހަކުކަން ދައްކާށެވެ. އޭނާއަކީ ރަނގަޅު މީހަކުނަމަ އެއިރުން ތިބާގެ އަތުގައި ހިފަން އެމީހާ ބޭނުންވާނެއެވެ.
މިކަމަށް ބޮޑަށް ވިސްނަންޖެހޭނީވެސް އަންހެނުންނެވެ. ހިލޭ ފިރިހެނެއްގެ އަތުގައި ނުހިފުމުގެ އިތުރުން ހިލޭ ފިރިހެނެއްގެ ގޮތުގައި ހުއްޓައި އެމީހުންވެސް ތިބާގެ ގައިގައި އަތްލިޔަ ނުދޭށެވެ! ބުނާށެވެ! "އަހުރެންގެ ހަށިގަނޑުގައި ބީހެވޭނީ އަހުރެންގެ ފިރިމީހާއަށެވެ. އަހުރެންގެ ގައިގައި ބީހެން ބޭނުންނަމަ އަންތބަކަށް ހަދާށެވެ!"
އެމީހަކީ ތިބާ ދެކެ ލޯބިވާ، ރިވެތި ސުލޫކެއްގެ މަތީގައި ދިރިއުޅޭ މީހަކުނަމަ ކައިވެނިކުރަން އަވަސްވެގަންނާނެއެވެ. އަވަސްވެ ނުގެންފިނަމަ އެމީހަކު ވާނީ ތިބާއަކީ ތުންފުހެން ބާނުންކުރާ ކަރުދާސް ގަނޑެއް (ޓިޝޫ) އެއް ކަމަށް ހަދަން ބޭނުންވާ މީހަކަށެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ އަގަކީ ތުންފުހޭ ކަރުދާހަކަށް ހަދައިލަނީ ތިއަކަނބަލުންނެވެ. ތިއަ ކަނބަލުން، ތިއަ ކަނބަލުންނަކީ ޓިޝޫއަކަށް ހަދައި އެދަރަޖައަށް އަމިއްލައަށް ވެއްޓިގެންފިނަމަ ތުން ފުހެފައި އެއްލައިލާނީ ކުނިވަށިގަނޑަށްކަން އެނގެންވާނެއެވެ. އެފުރުޞަތު ދީފައި ފަހުން ޝަކުވާކުރުމުގެ ބޭނުމެއް ނެތެވެ. ފަހުން ޝަކުވާކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތެވެ.
އަންހެނަކަށްވީތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ ތިރިވެގެނެއް ނުދެއެވެ. އަންހެނަކަސް ފިރިހެނަކަސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލުންވަނީ އެމީހަކު ތަޤްވާވެރިވީވަރަކުންނެވެ. ވީމާ އަމިއްލައަށް ތިމަންމެންނަކީ ނިކަމެތި ބައެއް ކަމަށް ދެކެގެން އާޚިރަތް ނަގައިނުލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިމާގެ އަގެއް ނެތްކަން ލޯބިހުށަހަޅާ މީހުންނަށް ދެއްކޭނަމަ ލިބޭނީ ތިބާ ނިކަމެތިކުރާނެ ލޯބިވެރިއެއް! ބައިވެރިއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ