ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން އުރީދޫ ހެޑް އޮފީސް ދިއްލާލީ ނޫކުލައިން!

ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އުރީދޫގެ ހެޑް އޮފީސް މިއަދު ނޫކުލައިން ދިއްލާލައިފިއެވެ. އުރީދޫއިން ކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނީގެ ހެޑް އޮފީސް ގަދަ ނޫކުލައިން ދިއްލާލާފައިވާ މަންޒަރު ފެންނަ ވީޑިއޯ އެއް ހިއްސާކޮށްފައެވެ. އެއީ، މިއަދު ފާހަގަކުރާ ހަކުރު ބަލީގެ މުނާސަބަތުގައި ކަމަށް އެ ޕޯސްޓުގައިވެއެވެ. އުރީދޫ ހެޑް އޮފީސް ނޫކުލައިން ދިއްލާލިއިރު، މިއަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައި ވަނީ، "ހަކުރުބަލި – ހަޔާތުގެ އެކި މަރުހަލާގައި"އެވެ. އުރީދޫ ހެޑް އޮފީސް ނޫކުލައިން ދިއްލާލާފައި --- ފޮޓޯ/ އުރީދޫ އެޗްޕީއޭއިން ބުނީ، އެ ޝިއާރު އަމާޒުކޮށްފައި ވަނީ، ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި ހަކުރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ލިބެންޖެހޭ ފަރުވާ ހޯދައިދެވި، އެކަމަށް މަގުފަހި ކޮށްދޭ ސިޔާސަތާއި ދުޅަހެޔޮ ވެއްޓެއް ބިނާ ކުރުމަށް ކަމަށެވެ. އޭގެއިތުރަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތްތަކާއި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ބާއްވަން އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށް މަތިވުމުން ދިމާވާ ސިއްހީ މައްސަލައަކަށް ވާއިރު، މިއީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ޖެހިދާނެ ބައްޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ