ރަބަތު، މޮރޮކޯ (ނޮވެމްބަރު 15) - އަންނަ އަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ އެފްރިކާ ބައްރުގެ ޕްލޭއޮފްގައި ނައިޖީރިއާ އާއި ކޮންގޯ އިން ބައްދަލުކުރަން ޖެހިއްޖެ އެވެ.
އެފްރިކާ ބައްރުން އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފަށް ދާ ޓީމެއް ކަނޑައަޅަން ކުޅޭ އެފްރިކާގެ ޕްލޭއޮފް ބުރުގައި ވާދަކުރަނީ ކޮލިފައިން ހުރިހާ ގްރޫޕެއްގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމެވެ.
އެ ގޮތުން، ޕްލޭއޮފް ފުރަތަމަ ސެމީގައި ކުޅުނީ ނައިޖީރިއާ އާއި ގެބޮން އެވެ. އެ މެޗުން 4-1 އިން މޮޅުވީ ނައިޖީރިއާ އެވެ. ގެބޮންގެ މައުރޯ ލެމީނާ ލަނޑު ޖެހިއިރު، ނައިޖީރިއާ އިން ލަނޑު ޖެހީ ވިކްޓަ އޮސީމެން ދެ ގޯލުގެ އިތުރުން، ޖެރޯމް އެޑަމްސް އާއި ޗިޑޭރާ އެޖޫކޭ އެވެ. މި މެޗުގެ ކުރިން އޮތް ބައެއް ޕްރެކްޓިސްތައް ނައިޖީރިއާގެ ކުޅުންތެރިން ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެއީ ފެޑެރޭޝަނުން ދޭން ޖެހޭ ފައިސާ ހަމަޖައްސައިދީފައިނުވާތީ އެވެ.
ޕްލޭއޮފް އަނެއް ސެމީ ފައިނަލުގައި ކޮންގޯ އިން ވަނީ އިތުރު ވަގުތުގެ ތެރޭގައި ޗަންސެލް އެމްބެމްބާ ޖެހި ގޯލުން 1-0 އިން ކެމަރޫން ކަޓުވާލައިފަ އެވެ. ކޮންގޯ އިން 1974 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި ވާދަކުރުމުގެ އުންމީދު ދަމަހައްޓަމުން އަންނައިރު، މާދަމާ، އެފްރިކާގެ ޕްލޭއޮފް ފައިނަލުގައި އެ ޓީމާ ކުޅޭނީ ނައިޖީރިއާ އެވެ. އެ މެޗުން މޮޅުވާ ޓީމެއް އެކި ބައްރުތަކުން ޕްލޭއޮފުން އައި ޓީމުތަކާ ދެކޮޅަށް ކުޅޭނެ އެވެ.
އެފްރިކާގެ ޕްލޭއޮފުގައި ކުޅެނީ ނައިޖީރިއާ އާއި ކޮންގޯ އެފްރިކާގެ ޕްލޭއޮފުގައި ކުޅެނީ ނައިޖީރިއާ އާއި ކޮންގޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ