އެދެމަފިރިންނަނީ ވަރަށް ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންނެވެ. އަނބިމީހާގެ މަސައްކަތަކީ 2 ދަރިންނާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމެވެ. ފިރިމީހާގެ މަސްއޫލިއްޔަތަކީ އަމިއްލަ ކުންފުންޏެއް ހިންގައިގެން ދިރިއުޅޭނެ ފައިށާ ހޯދުމެވެ.
އެއްދުވަހަކު ފިރިމީހާ ބުނީ އެރޭގެ ކެއުމަށް އިތުރު 8 މީހުން އަންނާނެ ކަމަށެވެ. އަނބިމީހާ ބުނީ ގެނައުމަށެވެ. ފިރިމީހާ އޭނާގެ އެކުވެރިން ގޮވައިގެން އައިއިރު ވަރަށް މީރުކޮށް ގިނަ ބާވަތްތަކެއް ހުރީ ތައްޔާރުކޮށްފައެވެ.
ކައިނިމިގެން އެމީހުން ދިއައީ އަނބިމީހާގެ ކެއްކުމަށް ތަޢްރީފްކޮށްފައެވެ. އެމީހުން ދިއުމުން ތަށިތަށް ގެންގޮސް ސިންކަށް އަޅާލާފައި އަނބިމީހާ ނުވެސްކައި ގޮސް އޮށޯތީ ނިދާށެވެ. އެއީ އަނބިމީހާގެ ކިބައިން ޢާންމުކޮށް ނުފެންނަ ކަމަކަށްވާތީ ފިރިމީހާ އަނބިމީހާގެ ނިތްކުރީގައި އަތް ޖައްސައިލިއިރު އޮތީ ހުން އައިސް ރަތްވެފައެވެ.
ވީދެރައިން އަނބިމީހާ އާއި ވާހަކަދައްކައިލުމުން އެނގުނީ އެދުވަހު ކެއުން ތައްޔާރުކުރަން ބުނެވުނީ އަނބިމީހާ ހުންއައިސްގެން ހުއްޓައިކަމެވެ. ފިރިމީހާ ވަރަށް ދެރަވިއެވެ. ޖޫސްތަށްޓެއް ގެނެސް އަނބިމީހާއަށް ދިނުމަށްފަހު ބޭސްކާންދީފައި އަނބިމީހާ ނިންދެވީއެވެ.
އަނބިމީހާއަށް ހޭލެވުނީ މެންދުރުވާން ކައިިރިވެފައި ހުއްޓައެވެ. ހޭލެވިގެން ފުރަތަމަވެސް ބަލައިލެވުނީ 2 ކުދިން ކޮބައިތޯއެވެ. ފެންނަން ނެތުމުން ތިރިއަށް ދިއައިރު ސިޓިންގރޫމްގައި ފިރިމީހާ އިނެވެ. 2 ކުދިން ކޮބައިތޯ ސުވާލުކުރުމުން ބުނީ ސްކޫލްގައި ކަމަށެވެ. ބަދިގެއަށް ދިއައިރު ސައިހެދުމުގެ އިތުރުން މެންދުރަށް ހުރީ ކައްކައިވެސްފައެވެ. ގޭތެރެއަށް ބަލައިލިއިރު ކުނިކަހާ މޮޕްލާ ސާފުކޮށްފައެވެ.
ވީދެރައިން އެވާހަކަ ދައްކަން ފެށުމުން ބުންޏެވެ. "ކުށް ކުރެވުނީ އަހުރެންނަށެވެ. ޙާލު އަހާނުލައި ބުރަމަސައްކަތެއް އިއްޔެ ޖެއްސުވުނީ އަހުރެންނަށެވެ. އެހެންވެ އެކަމުގެ ޒިންމާ އުފުލީއެވެ. އަރާމުކުރާށެވެ. މަސައްކަތަކު މިއަދަކު ނުދާނަމެވެ. ތިބާގެ ޚިދުމަތުގައި ގޭގައި ހުންނާނީއެވެ. ފާޚާނާއަށް ވަދެ ރީތިވެލައިގެން އަވަހަށް ސައިބޯން އަންނާށެވެ. އެކަނި ނުބޯންވެގެން އަދި އަހުރެންވެސް މިހުރީ ސައިނުބޮއެވެ."
އިތުރަށް ބުނާނެ ވާހަކައެއް ނެތެވެ. ބޭނުންވަނީ މިދެ ސުވާލުގެ ޖަވާބެވެ. މިބާވަތުގެ ފިރިއަކަށް ދެއްވާނީ ކިތައް މާކްސްތޯ؟ މިފަދަ ފިރިއެއް މިހާރު ލިބިދާނެ ކަމަށް ޤަބޫލުކުރައްވަމުތޯ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް
މިބާވަތުގެ ފިރިއަކަށް ދެއްވާނީ ކިތައް މާކްސްތޯ؟ މިފަދަ ފިރިއެއް މިހާރު ލިބިދާނެ ކަމަށް ޤަބޫލުކުރައްވަމުތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ