ފާފަކުރުމަށް ބިރުވެތިވެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުގަ ހުއްޓިހުންނަން ޖެހޭނެ ދުވަހު ކުރިމަތިވާނެ މިކަންކަން ހިތަށް އަރުވައި ވިސްނާ މީހަކަށް!

ކޮންމެ މީހަކަށްވެސް މަރުވާންޖެހޭނެކަން އެނގެއެވެ. އެއީ ކާފިރުންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. މަރުވުމަށްފަހު ދެން ކަންކަން ވެގެންދާނެގޮތް ކާފިރުން ދުނިޔޭގައި ތިބޭއިރު ޤަބޫލުނުކުރިނަމަވެސް މުސްލިމުން ޤަބޫލުކުރެއެވެ.  
މަރުވުމުގެ ހުރި ވޭން ބަޔާން ކޮށްދެއްވަވަމުން ބައެއް އިލްމުވެރިން ވިދާޅުވެފައިވެއެވެ. "މަރުވުމުގެ ހުރި ވޭން ކުރިން އިޙްޞާޞް ކުރެއްވެވުނު ނަމަ އެއްވެސް މީހެއްގެ މަރު ނުވަތަ ފުރާނަ މަލަކުލްމައުތު ނުހިއްޕެވީހެވެ." މާނައަކީ އެއީ އެހަވެސް ވޭންހުރި ކަމެއް ކަމެވެ.  
ހަމަ މިއާއިއެކު ވިސްނައިލުން ހަމަ މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. ޤިޔާމަތް ދުވަހު ހުރިހާ މަލާއިކަތުންގެ ފުރާނަ ހިއްޕަވާއިރު ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝިކޮޅު އުފުއްލަވަން ތިއްބަވާ މަލާއިކަތުންގެ ފުރާނަ ވެސް ހިއްޕަވެއެވެ. ﷲ ތަޢާލާ ނޫން އެއްވެސް ފަރާތެއް ނެތި 40 އަހަރު ނުވަތަ 40 ގެ އަދަދެއްގެ މުއްދަތެއް ފާއިތުވެގެން ދެއެވެ.  
އެނގިގެން މިދަނީ ﷲ ތަޢާލާ ޢަރުޝިކޮޅު އުފުއްލަވަން ނަމަވެސް އަދި އެހެން ކަމެއްގައި ނަމަވެސް އެއްވެސް ފަރާތެއްގެ އެއްވެސް އެހީތެރިކަމަކަށް ބޭނުންފުޅުވެވޮޑިގަންނަވާނަމަ އެބައެއްގެ ފުރާނަ ނުހިއްޕެވީސް ކަމެވެ. އެނގިގެން މިދަނީ އިޚްލާޞް ސޫރަތުގެ 2 ވަނަ އާޔަތުގެ ތެދުކަމެވެ.  "ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ." (އިޚްލާޞް: 2) 
އަހަރެމެން އަޅުކަން ކުރަން ޖެހެނީ ހަމައެކަނި އަހަރެމެންނަށް ރަނގަޅަކަށެވެ. އާޚިރަތް ދުވަހު ނަރަކައިން އަހަރެމެންގެ ހަށިތައް ސަލާމަތްކުރުމަށެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމަށެވެ. އެއްވެސް ޙާލެއްގައި އެކަމަކުން ﷲ ތަޢާލާއަށް އެއްވެސް މަންފާއެއް ލިބިވޮޑިގަންނަވާނެތީއެއް ނޫނެވެ. ﷲ ތައާލާއީ އެއްވެސް ދެވަނަ ފަރާތަކުން އެއްވެސް ކަމަށް ބޭނުންފުޅުވެވޮޑިގެން ނުވާ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.  
އެހެންކަމާއިއެކު ވެސް އަހަރެމެންނަށް މިއުޅެނީ ދުވާލަކު އެންމެ 5 ފަހަރު 5 މިނިޓްއިރު ވެސް ނަމާދަށް ހުއްޓި ނުލެވިގެންނެވެ. ޤިޔާމަތް ދުވަހު ކޮޅަށް ހުންނަންޖެހޭ 50 ހާސް އަހަރު ކޮބައި ހެއްޔެވެ؟ މީސްތަކުންނޭވެ! އެއީ ބިރުވެރިކަމުން ފުރިގެންވާ މުއްދަތެކެވެ. އިރު ދާދި ގާތުގައި ހުރުމުން ހޫނުގަދަވެ ގައިން އޮހޭ ދަލުން އޮންނާނީ ފެންބޮޑުވެފައެވެ. އެމީހަކު ދުނިޔޭގައި ހުރެ ކުރި ފާފައިގެ ނިޞްބަތުން އެމީހަކަށް އުޅެންޖެހޭނީ ފެންގަނޑުގެ ތެރޭގައެވެ. ބައެއް މީހުންގެ ނޭފަތާއި ހަމައަށްވެސް ފެންގަނޑު އުފުލިގެންވާނެއެވެ. އެފެންގަނޑު އުފެދެނީ ހޫނުގަދަވެ މީސްތަކުންގެ ގައިން އުެދި އޮހޮރޭ ދަލުންނެވެ.  
ވީމާ އެދުވަހަށް ބިރުވެތިވާށެވެ! އެދުވަހުގެ ދަތިތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ދުނިޔެ ކާމިޔާބު ކުރެވޭ މީހުންނަކީ މިދުނިޔެ އެކަނި ކާމިޔާބު ކުރެވޭ މީހުންނެއް ނޫނެވެ! ދުނިޔޭގައި ކުރާ މަސައްކަތުން އާޚިރަތް ކާމިޔާބުކުރެވޭ މީހުންނެވެ!  
ޤިޔާމަތް ދުވަހު ޖިބްރީލްގެފާނާއި އިސްރާފީލްގެފާނުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ މަލާއިކަތުންގެ މަރު ހިއްޕަވައި ނިމުމުން އެންމެފަހުން މަލަކުލްމައުތުގެފާނަށް އަވަހާރަވުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުން އަވަހާރަވެގެން ވެއްޓިވަޑައިގަންނަވާނެއެވެ.
 
- ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ