ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން މާދަމާއިން ފެށިގެން ޑީޕޯޓްކުރާނަން: ރައީސް

މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ 9000އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ޑީޕޯޓުކޮށްފައިވާ ކަމަށާއި ބަޔޯމެޓްރިކްސް އަދާހަމަނުކުރާ އެއްވެސް ބިދޭސީ މަސައްކަތްތެރިއަކަށް މާދަމާއިން ފެށިގެން ރާއްޖޭގައި ނޫޅެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ނަމުގައި ރާއްޖެއަށް ގެނެސްފައިވާ ބިދޭސީ ބައެއް މަސައްކަތްތެރިން ރަޖިސްޓްރީނުކުރާކަން ހޯމްލޭންޑް މިނިސްޓްރީއަށް ފާހަގަވެ، އެ މަސައްކަތް ކުރަން ފެށީ މިއަހަރުގެ ކުރީކޮޅުގަ އެވެ.
ފުރަތަމަ އެކަން ކުރަން ދިން ސުންގަޑިއަކީ މިދިޔަ އޭޕްރީލު މަހުގެ ނިޔަލަށެވެ. އެއަށް ފަހު އިތުރު މުއްދަތެއް ދީގެން ވެސް ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރެވުމުން، މިދިޔަ އޮކްޓޫބަރު މަހު އަނެއްކާވެސް ވަނީ އެ މުއްދަތު އިތުރުކޮށްފަ އެވެ.
އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. ހޯމް މިނިސްޓްރީން ވެސް މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިއަދުގެ ނިޔަލަށް މައުލޫމާތު އަދާހަމަނުކުރާ ބިދޭސީންނަށް ދެން އިތުރު މުއްދަތެއް ނުދީ، ސީދާ ޑީޕޯޓުކުރާނެ އެވެ.
ބުނީ ކީކޭ؟ - ޕީއެންސީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިދިޔަ ހުރިހާ ސަރުކާރެއްގައި ވެސް އޮތް ބޮޑު މައްސަލައެއް ކަމަށާއި އެކަމަކު އެކަމަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.
މި ސަރުކާރުން ހަވާލުވެ އެކަން ހައްލުކުރަން ފެށިއިރު، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ވެސް ނޭނގޭ ކަމަށާއި އެކަމާ ގުޅޭ އެއްވެސް ތަފާސްހިސާބެއް އަދި މައުލޫމާތެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ފެށި 'ކުރަނގި' އޮޕަރޭޝަންގައި މިހާތަނަށް 191،023 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން
ރާއްޖޭގައި ތިބީ ކޮން ބިދޭސީންނެއްކަން، ތިބީ ކޮން ތަނެއްގައިކަން މި ސަރުކާރަށް އެނގޭ
މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ 9021 ބިދޭސީން ޑިޕޯޓުކޮށްފައިވާނެ؛ މިއީ ކުރީ ސަރުކާރަށް ވުރެ %143އަށް ވުރެ އިތުރު އަދަދެއް
އޭގެ ތެރޭގައި ހިމެެނެނީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނާއި ކުށްކުރާ ބިދޭސީންނާއި ރެގިއުލަރައިޒް ކުރަން ބޭނުންނުވާ މީހުން
"މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާ ހަމައަށް ރެޖިސްޓާނުވާ ނުވަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށައި އޮޕަރޭޝަންގައި ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓުކުރާނަން. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނީ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓުކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ރާއްޖެއަށް ބިދޭސީން ގެނައުމަށް ފަހު، އިހުމާލުވާ ވަޒީފާދޭ ފަރާތްތައް ޖޫރިމަނާކޮށް، އެ ފައިސާ ނުދައްކަނީސް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު ހިދުމަތެއް ވެސް ފޯރުކޮށް ނުދޭ ގޮތަށް މިހާރު ވަނީ ހަދާފަ އެވެ. އެގޮތުން:
ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ރާއްޖެ ގެނައުމަށް ފަހު އެ ފަރާތާ މެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް 50,000ރ. އިން ޖޫރިމަނާ ކުރާނެ 
އެ ނޫން ހާލަތްތަކާއި ކަންކަމުގައި 100،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ފެށުމަކީ އެ ބިދޭސީ މީހާ ގަވާއިދާ ހިލާފަށް ރާއްޖެ ގެންނަ ދިވެހި ވިޔަފާރިވެރިޔާ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު އެކަމަށްޓަކައި ބޮޑު އަދަދުތަކުން ބިދޭސީން އަތުން ފައިސާ ނަގައި އެ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލަނީ ދިވެހި މީހާކަން ވެސް އިހުސާން ފާހަގަކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ