ދަރުމެންދްރަ ހޮސްޕިޓަލުގައި އޮތް މަންޒަރު ވީޑިއޯކުރި މުވައްޒަފު ހައްޔަރުކޮށްފި
ކުރީގެ އެކްޓަރު ދަރުމެންދްރަ ހޮސްޕިޓަލުގައި އެޑުމިޓްކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކުރި މައްސަލައިގައި ވީޑިއޯ ނެގި, ހޮސްޕިޓަލުގެ މުވައްޒަފު ހައްޔަރުކޮށްފިއެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯގައި ފެންނަނީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ދަރުމެންދްރައަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭ މަންޒަރެވެ. އިންޑިއާގެ ރައްޔިތުންގެ ލޯތްބާއި އިޙުތިރާމް ހޯދާފައިވާ ދަރޭގެ އާއިލާގެ މެމްބަރުން ވެސް އެ ވަގުތު ހޮސްޕިޓަލުގެ އެ ކޮޓަރީގައި ތިބޭ މަންޒަރު ފެންނަ އެ ވީޑިއޯގައި ހުރިހާ އެންމެންގެ މޫނުމަތިން ވެސް ފެނުނީ އިންތިހާއަށް ހިތާމައިގެ އަސަރެވެ. އެ ކޮޓަރީގައި ތިބި އާއިލާގެ މެމްބަރުންގެތެރޭ ދަރޭގެ ފުރަތަމަ އަނބިމީހާ ޕްރަކާޝް ކޯރުގެ އިތުރުން އެ ކައިވެންޏަށް ލިބިފައިވާ ހަތަރު ކުދިންނާއި ކާފަ ކުދިން ވެސް ހިމެނެއެވެ. ދަރޭ ދެ ކުދިން ކަމަށްވާ ސަނީ އާއި ބޮބީއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް އެ ވީޑިއޯ ލީކުކޮށްލުމާއެކު އިންޑިއާގެ ބައެއް ނޫސްތަކުން އެ ވީޑިއޯ ބޭނުންކޮށް ޚަބަރު ލިޔެފައިވާތީ ދަރޭގެ ދޮށީ ދަރިފުޅު ސަނީ ޑިއޯލް ވަނީ ހޮސްޕިޓަލުގެ ބޭރުގައި ތިބި ނޫސްވެރިންނާ ދިމާލަށް ވަރަށް ނުރުހުންވެ ފާޑުކިޔާފައެވެ. ސަނީ ބުނީ އެތަނަށް ގޮސް ތިބި ނޫސްވެރިންނަކީ ވެސް މައިންބަފައިންނާއި އާއިލާއެއް އޮންނާނެ ބައެއް ކަމަށާއި ސަނީގެ ބައްޕަގެ ވީޑިއޯތަކާއި ފޮޓޯތައް ނަގަން މަސައްކަތް ކުރުމަކީ އެ މީހުން ލަދުގަންނަންޖެހޭނެ ކަމެއް ކަމަށެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ސީއެންއެން-ނިއުސް18އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދަރޭ ހޮސްޕިޓަލުގައި އޮތް މަންޒަރު ފެންނަ ވީޑިއޯ ނެގި މުވައްޒަފު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމައެއާއެކު ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަރޭގެ އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދީ، ސެކިއުރިޓީގެ ކަންކަން ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދަރޭ ގެއަށް ފޮނުވާލި ނަމަވެސް މިދިޔަ ހަފުތާގެތެރޭ އަނެއްކާވެސް އަނބުރާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލުމަށް އުނދަގޫވެގެން ފަރުވާ ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ބައެއް މީޑިއާ ރިޕޯޓުތަކުން އެކްޓަރު މަރުވެފައިވާ ކަމަށް ޚަބަރު ފަތުރާފައިވާތީ ދަރޭގެ އާއިލާއިން ވަނީ އެފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް އެދި ނޫސް ބަޔާނެއް ވެސް ނެރެފައެވެ. އިތުރު ފަރުވާއަށްފަހު ދަރޭ ގެއަށް ދޫކޮށްލީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ