ބިލުތަކަށް ފައިސާ ދައްކަނީ ފައިސާ ޗާޕުނުކޮށް: ރައީސް
މިދިޔަ އެމްޑީޕީގެ ސަރުކާރުން އެކި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން، ނުދައްކާހުރި 440 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލުތަކަށް ފައިސާ ދައްކަނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް މުހައްމަަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ޕީއެންސީން ރޭ ބޭއްވި ބޮޑު އެއްވުމުގައި އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ކަމެއް ކުރަމުން ދާއިރު ވެސް ރާއްޖޭގެ އިގުތިޞާދު ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.އެ ކަމުގެ ތެރެއިން، މިދިޔަ ސަރުކާރުން ނުދައްކާ "ފުނި ޖައްސާފައި" ހުރި ބިލުތަކަށް ފައިސާ ވެސް ދައްކަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ."ހަގީގީ މާނައިގައި ފުނިޖައްސާފައޭ އޮތީ ހަމަ... އެއީ ވެސް މިިދިޔަ ސަރުކާރުން އެކި މަސައްކަތްކުރުވާފައި. އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތަކޭ. އެ ހުރިހާ މީހުންނަށް ދޭންވާ ފައިސާދީ މި ނިންމަނީ ފައިސާ ޗާޕު ނުކޮށް. އަޅުގަނޑުމެން ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއްނޫން ފައިސާ ޗާޕު ކުރާކަށް،" ރައީސް ވިދާޅުވި އެވެ.ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރި އަމިއްލަ ކުންފުނިތަކަށް ފައިސާ ނުލިބޭ ބައެއް މައްސަލަތަކުގައި ސިވިލް ކޯޓުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްޗަށް ފައިސާ ދެއްކުމަށް ހުކުމްތަކެއް ވެސް ކޮށްފައި އެބަ ހުއްޓެވެ.ސަރުކާރު ބަދަލުވި ދުވަސްވަރު އިންތިގާލީ އޮފީހުން ބުނެފައިވާ ގޮތުގައި ފެނަކައިން އެކަނި ވެސް، 2022ގެ ނިޔަލަށް 1،149 ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ