ވީޑިއޯ ގޭމަށް ޚާއްސަ އޭއައި އެޖެންޓެއް ގޫގުލް ޑީޕްމައިންޑްއިން ތައާރަފުކޮށްފި

ގޫގުލް ޑީޕްމައިންޑްއިން، 3ޑީ ވާޗުއަލް ދުނިޔެތަކުގައި ވީޑިއޯ ގޭމް ކުޅުމަށް ޚާއްސަކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓެއް ކަމަށްވާ ސްކޭލަބަލް އިންސްޓްރަކްޓަބަލް މަލްޓިވޯލްޑް އެޖެންޓް (ސިމާ) 2 ތަޢާރަފުކޮށްފިއެވެ. ގޫގުލްގެ ޖެމިނައި މޮޑެލްތަކުގެ ބާރު ލިބިފައިވާ މި އެޖެންޓަކީ، މި އަހަރުގެ މާޗް މަހު ތަޢާރަފުކުރި ސިމާގެ ފަހުގެ، އަދި އިތުރަށް ތަރައްގީކޮށްފައިވާ ވާޝަންއެކެވެ. ސިމާ 2 އަކީ އޭގެ ކުރީގެ ވާޝަންއަށްވުރެ ގިނަ ކުރިއެރުންތަކެއް ހިމެނޭ އެޖެންޓެކެވެ. މި އެޖެންޓަށް އޭގެ މަސައްކަތްތަކާ މެދު ވިސްނައި، ރާވައި، ކުރިއަށް އޮތް ފިޔަވަޅުތައް ކަނޑައެޅުމުގެ ގާބިލުކަން ލިބިފައިވެއެވެ. މީގެ އިތުރުން އެންމެ ބޮޑު އެއް ކުރިއެރުމަކީ، އެ އެޖެންޓަށް ކުރިން ތަމްރީނު ނުދެވޭ އާ ގޭމްތަކާއި މާހައުލުތަކަށް އަހުލުވެރިވުމުގެ ގާބިލުކަން ލިބިފައިވުމެވެ. މިގޮތުން 'މައިންޑޯޖޯ' އަދި 'އާސްކާ' ފަދަ ގޭމްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އަދި ޓެކްސްޓް މެދުވެރިކޮށް، ގޭމު ކުޅޭ މީހާއާ ވާހަކަ ދައްކައި، ސްކެޗް، އިމޯޖީ، އަދި އެކި ބަސްބަހުން ދޭ އިރުޝާދުތައް ވެސް މި އެޖެންޓް ބަލައިގަނެއެވެ. ސިމާ 2 ތަމްރީނުކުރުމުގައި ބޭނުންކޮށްފައިވަނީ އިންސާނުން ކުޅުނު ގޭމްތަކުގެ ޑޭޓާ އާއި ޖެމިނައި އޭއައި އިން އޮޓޮމެޓިކުން ތައްޔާރުކުރި ނޯޓުތަކެވެ. މިއީ އެ އެޖެންޓަށް އަމިއްލައަށް ކުރިއަރައިގެން ދިއުމުގެ ފުރުސަތު ހުޅުވާލާ ކަމެކެވެ. ނަމަވެސް، މި އެޖެންޓުގައި އަދިވެސް ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. އެގޮތުން، ކުރިން ދިމާވެފައިވާ ކަންކަން ހަނދާންކުރުމާއި، ގިނަ ފިޔަވަޅުތަކެއް ކުރިއަށް ވިސްނައިގެން މަސައްކަތްކުރުމުގައި އަދިވެސް ދަތިތަކެއް ހުރިކަމަށް ޑީޕްމައިންޑުން ފާހަގަކުރެއެވެ. ގޫގުލް ޑީޕްމައިންޑްއިން ބުނާ ގޮތުގައި، ސިމާ 2 ތަރައްގީކުރުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ގޭމް ކުޅޭ އެޖެންޓެއް އުފެއްދުމެއް ނޫނެވެ. އެއާ ޚިލާފަށް، އެ ކުންފުނީގެ ދުރު ރާސްތާ ވިސްނުމަކީ، މިފަދަ 3ޑީ މާހައުލުތަކުން އެޖެންޓަށް ލިބޭ ހުނަރުތައް، ހަގީގީ ދުނިޔޭގައި މަސައްކަތްކުރާ ރޮބޮޓްތަކަށް ބާރުދިނުމަށް ބޭނުންކުރުމެވެ. އެ ކުންފުނީގެ އަމާޒަކީ، އާދައިގެ ބަހުރުވައިން ދޭ އިރުޝާދުތަކަށް ތަބާވެ، ގިނަ މަސައްކަތްތަކެއް ކުރެވޭ ޢާންމު ބޭނުންތަކަށް ހެދިފައިވާ ރޮބޮޓެއް އުފެއްދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ