ދިވެހި ފިރިހެނުންނަކީ އަންހެނުންނަށް ޝުކުރު އަދާކުރުމުގައި ލާމަސީލު ނަމޫނާއެއް ދައްކާ ބައެކެވެ. ބައެއް މީހުން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ބާއްވާ ހަފްލާތަކުގައި ދޭ ތަގުރީރުތަކުގައާއި، ޓީވީ ޕްރޮގްރާމްތަކުގައި، އަދި އެވޯޑް ހަފްލާތަކުގައި އަންހެނުންނަށް ތަޢުރީފުކޮށް އަމުނާލާ ޅެންތަކާއި، ލަވަތަކާއި، މިސާލުބަސްތަކުގެ ފަށުވިކަމުން މައިކުވެސް ތުރުތުރު އަޅައެވެ. މައިންނަށް އެމީހުންގެ ގުރުބާނީތަކަށް، އަނބިންނަށް އެމީހުންގެ ކެތްތެރިކަމަށް، އަދި އަންހެން ދަރިންނާ މެދު "ފަހުރުވެރިވާތީ" ޝުކުރު އަދާކުރެއެވެ. މިފަދައިން އަންހެނުންގެ އަގު ވަޒަންކުރުމަކީ ގިނަ ބައެއްގެ ބައިވެރިވުމާއެކީ ހިންގާ ގައުމީ ސިނާއަތެކޭ ބުނެވޭހާ ފުޅާކޮށް، އަދި އެހާމެ ފުރިހަމައަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެހެނަސް، މި ޝުކުރުވެރިކަމުގެ ސަގާފަތުގެ ފަހަތުގައި ފޮރުވިފައިވާ ތަފާސްހިސާބުތަކުން ދައްކުވައިދެނީ މުޅިން ތަފާތު މަންޒަރެކެވެ. ގައުމީ ސްޓެޓިސްޓިކްސް ބިއުރޯއިން ހަދާފައިވާ ސަރވޭ ތަކުން ދައްކާގޮތުން ރާއްޖޭގައި މުސާރަ ނުލިބޭ ގޭތެރޭގެ މަސައްކަތްތަކުގެ ވަރަށް ބޮޑު ބައެއް އަދިވެސް ކުރަނީ އަންހެނުންނެވެ. ޑުއަލް އިންކަމް ނުވަތަ ދެމީހުންވެސް މަސައްކަތަށް ނިކުންނަ ގޭބީސީތަކުގައި ވެސް މިކަން އޮތީ މިހެންނެވެ. ދިވެހި އަންހެނުންގެ ހެޔޮފުޅުކަމުން އެއްވެސް ޝަކުވާއެއް އަދި އަރާމެއް ނެތި އަންހެނުންގެ އެއް ޖީލުން އަނެއް ޖީލަށް ވާރުތަވެގެން ދެމުން އަންނަ "އޯލް އިންކްލޫސިވް" ކެއާ ޕެކޭޖެކެވެ. މި ހުރިހާ ކަމެއް ކުރަމުންވެސް އަންހެނުން ދަނީ ޔުނިވަރސިޓީތަކުން ގްރެޖުއޭޓްވެ، ސަރުކާރުގެ އިދާރާތަކާއި ސްކޫލްތަކާއި މިނިސްޓްރީތައް ހިންގައި، ބޯޑުރޫމްތަކުގެ ޗެއަރޕަރސަންކަންވެސް ކުރަމުންނެވެ. މަތިމަތިން ބަލާލައިފިނަމަ ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމުގައި ދެވޭނެ އެންމެ މަތީ ފަންތިއަށް ރާއްޖެއަށް ދެވިއްޖެއޭ ހީވެދާނެއެވެ.
ދިވެހި އަންހެނެއްގެ އާންމު ދިރިއުޅުމުގެ ދުވަހެއްގައި ކޮށްލާ މަސައްކަތްތައް ފަސޭހަކަމާއެކު އެޑްވާންސްޑް ލޮޖިސްޓިކްސް އޮޕަރޭޝަނެއްގެ ގޮތުގައި ޝަރުތު ހަމަވާނެ އެވެ. ފަތިހުގެ ކުރިން ހޭލައިގެން އެނދު ތަންމަތި އަޅާ، ގޭގައި އުޅޭ އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް، ކުދިން ފެންވަރުވައި، އެކުދިން ސްކޫލަށް ފޮނުވައި، އަދި އޭގެ ފަހުން ފުލްޓައިމް ވަޒީފާއެއް އަދާކޮށް، ދެން އެނެއްކާވެސް ގެއަށް އައިސް އިގްތިސާދީ މާހިރުން ކިޔާ "ދެވަނަ ޝިފްޓް" ފަށައެވެ. އުމުރުން ދުވަސްވެފައިވާ އަދި އެނޫންވެސް އަޅާލުން ބޭނުންވާ ގާތްތިމާގެ މީހުން ބެލެހެއްޓުމުގެ ކަންކަންކޮށް، ދަރިންގެ ހޯމްވަރކްގެ ކަންކަން ނިންމައި، ރޭގަނޑުގެ ކެއުން ކައްކާ، ތަށި ދޮވެ، އެންމެންގެ އަންނައުނު ދޮވެ، ގޭތެރެ ސާފުކޮށް، ދޭތެރެ ދޭތެރެއިން ތަފާތު ކޮށްލުމުގެ ގޮތުން ތަނެއްގައި އިށީނދެލައިގެން އިނދެ ގެއަށް ގަންނަންޖެހޭ އެއްޗެހީގެ ލިސްޓެއް ހަދާލައެވެ. އަންހެނުން ކުރާ ހުރިހާ ކަމެއް ހަމައެކަނި ކުރު އިބާރާތަކުން ލިސްޓުކޮށްލިޔަސް ހައެއްކަ ސަފުހާވެސް ނުފުދޭނެތީ މި ހިސާބުން ކުރުކޮށްލަމެވެ. އެންމެ އަޖައިބުކުރުވަނިވި ކަމަކީ އެ ހުރިހާ ކަމެއް އެކަނި ކުރާތީއެއް ނޫނެވެ. އަޖައިބު ވަނީ ވަރުބަލިކަމެއް ނެތި އެ ހުރިހާ ކަމެއް ކުރާއިރު، އަދިވެސް ތަޢުރީފު އޮހެނީ ދޭތެރެއަކުން އަމިއްލައަށް ކެއި ތަށި ސިންކާ ހަމައަށް ގެންގޮސްލާ ފިރިހެނުންނަށް ކަމަށް ވާތީއެވެ. ފިރިހެނުންގެ ޒިންމާއަކީ އަމިއްލަ ގެއާއި ޢާއިލާއަކީ ދޭތެރެއަކުން ހަނދާން ނެތޭ ގްރޫޕް ޕްރޮޖެކްޓެއްހެން ދޭތެރެ ދޭތެރެއިން "ކަމެއް ބޭނުންވޭތަ؟" އަހާލުމެވެ.
މި މުސާރަ ނުލިބޭ މަސައްކަތްތަކަކީ އަޅުގަނޑުމެންގެ މުޅި އިގުތިސާދު ހިފަހައްޓާފައިވާ މައި އެއް ތަނބެވެ. މިކަން ވެސް ފެންނާނީ ތަނބު ބިންދައިގެން ގޮސް ވެއްޓޭ ހިސާބުންނެވެ. އޭގެ ކުރިން އަންހެނުންނަށް އޮތް ހަމައެކަނި ގޮތަކީ ހިނިތުންވެލައިގެން ތިބެ، މިފަދަ މަސައްކަތްތަކުގެ ބުރަ ގިނިކަންޏާ އުފުލަމުން ގެންދިއުމެވެ. ކެތްތެރިކަމާއެކު، އަދި އެންމެ އެދެވިގެންވާ ގޮތުގައި ޝަކުވާއެއްވެސް ނެތިއެވެ. ތިން ޖީލެއް ބެލެހެއްޓުމުގައި މުސާރަ ނުލިބޭ މަސައްކަތްތައް ކުރާ އަންހެނުންނަށް މި މަސައްކަތްތައް ކުރަން ނުސީދާކޮށް މަޖުބޫރު ކުރަނީ "ގުދުރަތީ ގޮތުން އެކަމަށް މޮޅު" ކަމަށް ބުނެއެވެ. އަންހެނުންނަށް ކުރަން މަޖުބޫރު ކުރުވާ މިފަދަ މަސައްކަތްތައް އަންހެނުންނަށް ފޯރުކޮށްދެނީ އާއިލީ ރެސިޕީތަކެއް ފަދައިންނެވެ.
ދިވެހި އަންހެނުންގެ ތެރެއިން ލޭބަރ ފޯސްގައި ހިމެނެނީ އާބާދީގެ ނިސްބަތުން މަދު ބައެކެވެ. އަދި މީގެ ތެރެއިންވެސް ގިނަ އަންހެނުން މަސައްކަތް ކުރަނީ އިންފޯމަލް ސެކްޓަރގައެވެ. މި ސެކްޓަރގައި މަސައްކަތްތެރީންނަށް ދެވޭ ހިމާޔަތްތަކާއި ހައްގުތަކަކީ އިހުތިޔާރީކޮށް އޮންނަ ކަންކަމެވެ. ބާކީ ތިބި އަންހެނުން ތިބީ އެހެން އެންމެންނަށް ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދިނުމުގައި އަވަދިނެތިއެވެ.
ގައުމުގެ އިގުތިސާދީ ކަންކަމާއި ސީދާ އަންހެނުންނާ ގުޅުން ހުރި ނިންމުންތައް ނިންމުމުގައި މިއިން އެއްވެސް ކަމަކަށް ބަލާ ނުލައެވެ. އެހެންކަމުން، ޕޮލިސީ ލޭންޑްސްކޭޕްގައި ވެސް ފެންނަނީ ހަމަ އެ ސެލެކްޓިވް މޮޑަނިޓީ އެވެ. ސިވިލް ސަރވަންޓުންނަށް މިހާރު ލިބެނީ ހަ މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި އެއް މަސް ދުވަހުގެ ޕެޓަރނިޓީ ލީވްއެވެ. މުހިންމު އިސްލާހެކެވެ. އެކަމަކު ޕްރައިވެޓް ސެކްޓަރގައި އަދިވެސް ގާނޫނުގައި އޮތްގޮތުން ދޭން މަޖުބޫރުވާ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަކީ މަސައްކަތު 60 ދުވަހެވެ. ކުރިމަގުގައި ގައުމީ އުފެންދުއްތެރިކަން އިތުރުކުރަން ލޭބަރ ފޯސްއަށް ނިކުންނާނެ ރައްޔިތަކު އުފަންކޮށް، ވިހެއުމުގެ ހުރިހާ ބުރައަކުން ޝިފާ ލިބި، ޝުކުރުވެރިކަމާއެކު ހިނިތުންވެލާފައި މަސައްކަތަށް އެނބުރި ދިއުމަށް ދީލަތި ވަގުތެކެވެ. އަނެއްކޮޅުން ފިރިހެނުންނަށް ލިބޭ ޕެޓަރނިޓީ ލީވް އަކީ ތިން ދުވަހެވެ. ބައްޕައަކަށް ވުމުގެ ބުރަ ތަޖުރިބާއިން އަރާމުކޮށްފައި، ހަގީގީ ފިރިހެންވަންތަ ޒިންމާތަކަށް އެނބުރި ދިއުމުގެ ކުރިން އަލަށް އުފަންވި ދަރިފުޅާއެކީ ސެލްފީއެއް ނަގާފައި ޕޯސްޓް ކުރަން ފުދޭވަރުގެ ވަގުތުކޮޅެކެވެ. ދަރިފުޅަށް ނަމެއް ކިޔާލަންދެންވެސް މަޑުކޮށްލެވޭކަށް ނެތެވެ. މީގެ ސަބަބުން ގިނަ ފިރިހެނުންނަށް ދަރިންނަށް ކިޔާ ނަން އެނގި ނަމަށް ފަރިތަވަނީވެސް އެތައް ދުވަހެއް ފަހުންނެވެ. މިކަމުން ދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟ ދަރިން ބެލުމުގެ ޒިންމާއަކީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެކެވެ. ފިރިހެނުން ނިސްބަތްވަނީ ބޯޑުރޫމްތަކަށް ކަމަށާއި އަންހެނުން ނިސްބަތްވަނީ ވިހާ ކޮޓަރިތަކަށެވެ. އަދި މާގިނައިރު އަމިއްލަ ދަރިއަކު އުރާލައިގެން އުޅޭތަން ފެންނަ ކޮންމެ ފިރިހެނަކީ ވަޒީފާއެއް ނެތް "ލާޗާރު ބިޗާރު" މީހެއް ކަމެވެ.
މުސާރަ ނުލިބޭ ކެއާ މަސައްކަތްތަކަކީ "އަންހެނުންގެ މައްސަލައެއް" ނޫނެވެ. އެއީ މުޅި އިގްތިސާދީ ނިޒާމުގެ މައްސަލައެކެވެ. އަންހެނަކު ކެއްކުމާއި، ތަންތަން ސާފުކުރުމާއި، އެހެންމީހަކަށް އަޅާލުމުގައި ހޭދަކުރާ ކޮންމެ ގަޑިއަކީ އަމިއްލަ ސިއްހަތަށް ބެލުމާއި، އާމްދަނީ ހޯދުމާއި، އިންވެސްޓްކުރުމާއި، ފައިނޭންޝަލް އިންޑިޕެންޑެންސްއަށް ހޭދަނުކުރާ ވަގުތުތަކެވެ. އޭނާގެ ވަގުތު ގޭބީސީތަކާއި ގައުމީ އިގްތިސާދާއި ފިރިހެނުންގެ ކެރިއަރ ޓްރެޖެކްޓަރީތަކަށް ވާގިވެރިވެއެވެ. އަދި މިއީ ތަފާސްހިސާބު ތަކުން ފެންނަން ހުންނަ ކަންކަމެއް ނޫނެވެ. ބަޖެޓްތަކާއި ގައުމީ ޕްލޭނިންގގައި މުސާރަ ނުލިބޭ މަސައްކަތްތަކަށް އަޅާނުލާއިރު، އަޅުގަނޑުމެން މިދަނީ އަންހެނުންނަށް ހުރިހާ ޢާއިލީ ޒިންމާއެއް އައުޓްސޯސްކޮށް، އެމީހުންގެ ބުރަ މަސައްކަތުން ބިނާކުރި ސިޑިން އަރަން މާ ވަރުބަލިވެފައި ތިބީތީ އެކަމަށް އަދަބު ދެމުންނެވެ.
ދުނިޔޭގެ ފެންވަރުގައި ބަލާއިރުވެސް ދިވެހި އަންހެނުންގެ ހާލަތު ވަރަށް ދެރައެވެ. ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސް 2025ގައި ދިވެހިރާއްޖެ އޮތީ 148 ގައުމުގެ ތެރެއިން އިންޑިއާއަށް ވުރެވެސް ފަހަތުގައި 138 ވަނައިގަ އެވެ. ހޯދިފައިވާ ގިނަ ކުރިއެރުންތަކަކީ ކޮސްމެޓިކް ނުވަތަ ހަމައެކަނި މަތިމަތިން ފެންނަ ކަންކަމެވެ. އިގުތިސާދީ ބައިވެރިވުމާއި ސިޔާސީ މައިދާނުގައި އަންހެނުންގެ އަޑު ހުރީ ކުރިންވެސް ހުރި ހިސާބުގައެވެ.
މިކަން މިގޮތަށް ދެމެހެއްޓިގެން ދަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ މި ހުރިހާ ކަމެއް ފޮރުވޭ ވަރަށް ފުނިފުންޏަށް އަންހެނުންނަށް އޮއްސާލާ ތަޢުރީފުގެ ސަބަބުންނެވެ. ދެވަނައެއް ނެތްހާ ވަރުގަދަ، ބަޔާންކުރެވެން ނެތްހާ ކެތްތެރި، ވަރުބަލިކަމެއް ނެތި އަބަދުމެ ހިދުމަތުގައި ތިބޭ ފަހުލަވާނުންނަށް ހަދާފައި ވީތީއެވެ. އަންހެނުންގެ ކެތްތެރިކަމަށް ތައުރީފުކޮށް، އެމީހުންގެ އަޑު ބިމާހަމައަށް ނުފޯރާހާ މައްޗަށް އަންހެނުންގެ ދަރަޖަ އޮތީ އުފުލާފައެވެ. އެހެންވީމާ އަންހެނުންގެ އުދާސްތަކުގެ އަޑެއްވެސް ނީވޭނެތާއެވެ.
އެހެން ބައެއް ގައުމުތަކުން މިކަމަށް ހައްލެއް ހޯދައިފިއެވެ. އެމީހުން ވަނީ ނޮން ޓްރާންސްފަރެބަލް ޕެޓަރނިޓީ ލީވް ތައާރަފުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ޝެއާޑް ކެއާގިވިން އަށް ހިތްވަރުދީ، ކުރިއަރަމުން އަންނަ އިގުތިސާދެއް ބިނާވެފައިވަނީ އެއް ޖިންސެއްގެ ވަރުބަލިކަމުގެ މައްޗަށް ނޫންކަން ދެނެގަނެފައެވެ. އެކަމަކު ރާއްޖޭގައި ޕޮލިސީ ހަދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުން ދިވެހި އަންހެނުން އެތަކެއް އަހަރުތަކެއްވަންދެން ތަހައްމަލުކުރަމުންދާ ވޭންތަކުގެ އަޑަށް ދެނީ ބީރު ކަންފަތެކެވެ.
މި ހުރިހާ ކަމެއް މިހެން އޮވެފައި، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ އަޅުގަނޑުމެން އަންހެނުންނަށް އަދާކުރަން ޖެހޭ ހުރިހާ ދަރަންޏެއް އަދާ ކުރާ ދުވަހެވެ. އޮފީސްތަކުން ކަޕްކޭކް ބަހާ، މާ ފިހާރަތަކުން މާބޮނޑިތައް ވިކި ހުސްވެއެވެ. އަދި މި މާބޮނޑިތައް ހިފަހައްޓައިގެން ތިބޭ ފިރިހެނުންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި އުޖާލާކަމުންވެސް މީހެއްގެ ހިތް ފުރޭނެއެވެ. ގޭގައި ހުރި ދޮންނަ މެޝިން ދުވަހަކު ލޮލަށް ނުފެނުނު ނަމަވެސް އަންހެނުންގެ ހިތްވަރުގަދަކަމާ ބެހޭ ފުރިހަމަ ޕޯސްޓަރުތައް ހޯދާލާ ފިރިހެނުންގެ ޕޯސްޓުތަކުން ސޯޝަލް މީޑިއާ ފުރާލައެވެ. އެ ދުވަހު ހިނގާ 24 ގަޑިއިރު އެންމެންވެސް ތިބެނީ އަންހެނުންގެ ހައްގުގައި ހަނގުރާމައަށް ނިކުންނަންވެސް ފަސް ނުޖެހޭނެހާ ޖޯޝުގައެވެ. އޭގެ ފަހުން މާތައް ވިއްސި ވިހާލިވެ، ޕޯސްޓަރުތަކުގެ ކުލަތައް ފަނޑުވެ، ކެޕްޝަންތަކާއި އިންސްޓަގްރާމަށް ލީ ސްޓޯރީ ތަކުގެ މުއްދަތު ހަމަވެ، އަނެއް ދުވަހު އަރާ އިރާ އެކީ އަނެއްކާވެސް އަންހެނުން އެމީހުންގެ ދެވަނަ ޝިފްޓް ފަށައެވެ.
މި ކަންކަމަށް ދާއިމީ ހައްލެއް ހޯދަން އަޅުގަނޑުމެންނަށް ބޭނުންވަނީ ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކާއި މޮޓިވޭޝަނަލް ހެޝްޓެގްތަކަށްވުރެ މާ ބޮޑެތި ކަންކަމެވެ. ސީދާ އަންހެނުންނަށް އޭގެ އަސަރު ފޯރާ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރާށެވެ. ހަ މަސް ދުވަހުގެ ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއާއި ޕެޓަރނިޓީ ލީވަށް ގެނެވުނު އިސްލާހު ޕްރައިވެޓް ސެކްޓަރއަށް އިތުރުކޮށް މިއަށްވުރެ ފުރިހަމަ ނިޒާމެއްގައި މަޖުބޫރު ޕެޓަރނިޓީ ލީވް ތައާރަފުކުރާށެވެ. އަދި އަންހެނުންނަށްވެސް އަރާމުކުރުމަށް ވަގުތު ލިބޭނެ ނިޒާމެއް ގާއިމުކުރާށެވެ. ދަރިން ބެލުމުގެ ޒިންމާ އަދާކުރާ މީހުންނަށް ބައެއް ދުވަސް ދުވަހު ގޭގައި މަސައްކަތް ކުރެވޭނެ މަގު ފަހި ކުރާށެވެ. މާމައާއި ކާފައިން އަބަދުމެ ސްޓޭންޑްބައިގައި ހުންނަން ނުޖެހޭ ގޮތަށް ދަރިން ބެލޭނެ ނިޒާމުތައް ބިނާކުރާށެވެ. މުވައްޒަފުންނަކީ އޮފީސް މާހައުލުން ބޭރުގައި އާއިލާތަކެއް ތިބި ބައެއްކަން ދަނެގެން މަސައްކަތާ ބެހޭ ސިޔާސަތުތައް ފަރުމާކުރާށެވެ.
އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި ޒަމާންވީ ބައެއް އާދަތައް ވެސް ބަދަލު ކުރަން ޖެހެއެވެ. އަންހެނުންގެ ދުވަސް ފާހަގަކުރާ ނަމަ، އެކަމުގައި ގެންގުޅޭ ސެންޓިމެންޓަލިޓީ ނައްތާލާށެވެ. ކޮންމެހެން މާބޮނޑި ދޭން ބޭނުންވާނަމަ އެ ދީފައިވިޔަސް އެއާ އެކީ ހެޝްޓެގްތަކުގެ ބަދަލުގައި ގާނޫނުތަކާއި އަންހެނުންނާ ގުޅޭ ޕޮލިސީތަކަށް ހެޔޮ ބަދަލު ގެންނާށެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުން އަންހެނުން ކުރާ މުސާރަ ނުލިބޭ މަސައްކަތްތަކާ ބެހޭ ޑޭޓާ އެއްކުރާށެވެ. އެހެނީ އަޅުގަނޑުމެން ނުގުނާ އެއްޗެއް، އަޅުގަނޑުމެން އަގު ނުކުރަމެވެ. އަދި އަޅުގަނޑުމެން އަގު ނުދޭ މިފަދަ މަސައްކަތްތަކަކީ އަންހެނުންނަށް އަގެއް ނެތި ކުރަން މަޖުބޫރުވާ ކަންކަމެވެ.
މިއީ މާ ހަރުކަށި، މާ ހުޅަނގުގެ، މާ ސިޔާސީ ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެކަމަކު އަދަބުވެރިކަމާއި ސަގާފަތް ދެމެހެއްޓުމުގެ ނަމުގައި މިވާހަކަތައް ނުދައްކާ ތިބުމަކީ މިފަދައިން ނާއިންސާފު ކަންކަން މުޖުތަމަޢުގައި ދެމިއޮންނަ ސަބަބެވެ. ދިވެހި އަންހެނުން މާދަމާވެސް މުސާރަ ނުލިބޭ މަސައްކަތްތައް ކުރުން ހުއްޓާލައިފި ނަމަ މެންދުރު ވުމުގެ ކުރިން މުޅި ގައުމު ހުއްޓުމަކަށް އަންނާނެއެވެ. މި މަސައްކަތްތަކަކީ މިންކުރަން މާ މުޤައްދަސް އެއްޗެއް ކަމަށް ހަދައި ކެއާ މަސައްކަތްތަކަކީ އަގު ނުކުރެވޭ އެއްޗެއް ކަމަށް ހަދައިގެން އުޅުން ހުއްޓާލަމާ ހެއްޔެވެ. ޒަމާނީ އިޤްތިޞާދެއް އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ މުސާރަ ނުލިބޭ، ގުނާ ނުލެވޭ، އަދި އަގު ނުކުރެވޭ މަސައްކަތުގެ މައްޗަށް ބުރަވެ ކުރިއަށް ނުގެންދެވޭނެއެވެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ ކުރިއެރުންތަކެއް ކަމަށްވާނަމަ ފިރިހެނުން އަދާ ކުރަންޖެހޭ ޢާއިލީ ޒިންމާ އެންމެ ކުޑަމިނުން ކުރާތީ އަތްޖެހުން ހުއްޓާލައި، ދަރިންނާއި ޢާއިލާގެ ޒިންމާ އެންމެންގެ މަސައްކަތަކަށް ހަދާ ނިޒާމުތަކަށް ޑިމާންޑް ކުރަން ފަށަންވީއެވެ.
މި ގައުމުން އަންހެނުންގެ ހަށިގަނޑާއި ވަގުތުން ނަގަމުން އަންނަ ދަރަނީގެ އަގު އަދާކުރަންވީ ވަގުތު ޖެހިއްޖެއެވެ. އެހެނީ އުފެއްދުންތެރި ދިވެހި ކޮންމެ ފިރިހެނެއްގެ ފަހަތުގައި ހުރީ ދުވަހަކުވެސް އަރާމުކުރުމަށް ވަގުތެއް ނުލިބޭ އަންހެނެކެވެ. އަންހެނުންގެ އަޑުއަހަން ފުދޭނީ ކިހާވަރެއްގެ ގުރުބާނީއެއް ހެއްޔެވެ؟
-- ލިޔުން ފޮނުވި ފަރާތް: ޖައިލަމް މުޖުތަބާ
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟
ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.
ސިޓީބިޓީ: ފުރާނަ މުޅިންއެކީ ގުރުބާން ކުޅައިމާވެސް ނުފުދުނީތޯ؟ ސިޓީބިޓީ: ފުރާނަ މުޅިންއެކީ ގުރުބާން ކުޅައިމާވެސް ނުފުދުނީތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ