ރާއްޖޭގެ ސަރަހައްދުން 300 ކިލޯގެ ޑްރަގާއެކު ލަންކާ މަސް ބޯޓެއް އަތުލައިގަނެފި ރާއްޖޭގެ ސަރަހައްދުން 300 ކިލޯގެ ޑްރަގާއެކު ލަންކާ މަސް ބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 300 ކިލޯގެ ޑްރަގާއެކު ލަންކާގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިދިޔަ ހުކުރު ދުވަހު އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ 300 ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައިވާ ކަމަށެވެ. ނަމަވެސް, އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ މަސް ބޯޓު އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެން ހޯދީ ލަންކާގެ ނޭވީން ފޯރުކޮށްދިން އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.
އެމްއެންޑީއެފް އިން ހުކުރު ދުވަހު ބުނީ ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް އުޅުނު ބޯޓެއް ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ ފަހުން އިތުރު އެއްވެސް ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.
އެ ބޯޓުން އަތުލައިގަތް 300 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ކްރިސްޓަލް މެތު ކަމަށާއި އެ ބޯޓު އަތުލައިގަތްއިރު ލަންކާއަށް ނިސްބަތްވާ ހަ ފަޅުވެރިން ތިބި ކަމަށް ވެސް ލަންކާގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް މިދިޔަ އަހަރުގެ ތެރޭގައި އަތުލައިގަތް މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އޭރު އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ