އުޅެއުޅެ ވަރުބަލިވާ އިރުވެސް ނުނިދި އެތައް އިރަކު އެނދުގައި ފުރޮޅިފުރޮޅި އޮންނަން އެބަ ޖެހެއެވެ. ދެތިން ފަހަރަކު ފާހާނާއަށް ވެސް ދާންޖެހިއްޖެ އެވެ. އެތައް ފަހަރަކު ފެން ވެސް ބޮވިއްޖެ އެވެ. އެއް ފަހަރު ފަންކާ ބާރުކޮށްލިއްޔާ އިރުކޮޅަކުން ފަންކާ މަޑުކުރަންޖެހެ އެވެ. ހަމަ ނުނިދެނީ އެވެ. ވާ ގޮތެއް ނޭނގެ އެވެ. ނިދި ނާންނަނީ އެވެ.
މިއީ ވެސް ޒާތެއްގެ ބައްޔެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 16 ޕަސެންޓް މީހުންނަކީ އިންސޮމްނިއާގެ އުނދަގޫ ތަހައްމަލު ކުރަންޖެހިފައިވާ މީހުންނެވެ. އެ މީހުން ވެސް ރޭގަނޑު އަރާމު ނިންޖެއް ބޭނުންވެއެވެ. ނަމަވެސް ނިދި ނައުމާއި ނިދިފައި އިރުއިރުކޮޅުން ހޭލެވުން ފަދަ އުނދަގޫތައް އެމީހުން ތަހައްމަލުކުރެއެވެ.
މި އުނދަގުލުން ސަލާމަތްވުމަށްޓަކައި ބައެއް މީހުން އެހީ ހޯދަނީ ދީނީ ގޮތުން ކުރަން އޮންނަ ބައެއް ކަންތައް ކޮށްގެންނެވެ. އަނެއް ބަޔަކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުންނެވެ. އެ ގޮތުން ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ހަރަކާތްތެރިވެ އުޅެ، ނިދާ ވަގުތު ޖެހެންވާ އިރަށް ހަށިގަނޑު ވަރުބަލިކޮށްލުމަކީ އެއް ގޮތެވެ. އަދި ނިދަން އޮށޯތުމާ ކައިރި ކޮށްފައި ވަކި ކަހަލަ އެއްޗެހިތަކެއް ކެއުން ހުއްޓައިލައެވެ.
އަނެއް ބަޔަކު، އެ އުނދަގުލާ ދުރުހެލިވަނީ، ޑޮކްޓަރީ ބޭހެއް ބޭނުންކޮށްގެންނެވެ. ޑޮކްޓަރެއްގެ ބޭސް ސިޓީއާ ނުލައި ވެސް ޒިބޭ ޒާތުގެ އެކި ބޭސްތައް ބޭނުންކުރުމެވެ. އެ ގޮތުން އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ބޭހަކީ މެލަޓީން ކިޔާ ގުޅަ ބޭހެކެވެ.
މި ކަމާ ގުޅިގެން މީގެ ކުރިން ކޮށްފައި ހުރި ބައެއް ދިރާސާތަކުން އެނގުނު ގޮތުގައި ނިދީގެ މައްސަލަ ހައްލުކުރުމަށް މެލަޓީން ބޭނުންކުރުމަކީ ސިއްހީ އެހެން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް މިފަހުން ކުރި ދިރާސާއަކުން ކަށަވަރުވީ، ދިގު މުއްދަތަކަށް މެލަޓީން ބޭނުންކުރާ މީހުންނަށް، ހިތް ހުއްޓުމުގެ މައްސަލަ ކުރިމަތިވުމުގެ ނުރައްކާ ވަރަށް ބޮޑު ކަމެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަންގެ ސައެންޓިފިކް ސެޝަން 2025 ގައި ހުށަހަޅައިދީފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން ދިގު މުއްދަތަކަށް މެލަޓީން ބޭނުންކުރުމުން އެންމެ ބޮޑު ނުރައްކަލެއް އޮތީ ހިތުގެ ބަލި މީހުންނަށެވެ. މި ދިރާސާ ހަދާފައިވަނީ އިންސޮމްނިއާގެ އުނދަގޫ ހުންނަ، އުމުރުން 65 އަހަރުގެ 131000 މީހުން ބައިވެރިކޮށްގެންނެވެ. މީގެ ތެރެއިން 65000 މީހުންނަކީ، މަދުވެގެން އެއް ފަހަރު، ޑޮކްޓަރަކު ލިޔެދީގެން މެލަޓީން ބޭސް ބޭނުންކުރަން ފެށުމަށް ފަހު، އަހަރު ދުވަސް ވަންދެން އެ ބޭސް ބޭނުންކުރަމުން އަންނަ މީހުންނެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން އާންމު ގޮތެއްގައި މެލަޓީން ބޭނުން ނުކުރާ މީހުންނާ އަޅައި ބަލާއިރު، އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މެލަޓީން ބޭނުންކުރާ މީހުންނަށް، ފަސް އަހަރުގެ ތެރޭގައި ހިތް ހުއްޓުމުގެ މައްސަލަ ކުރިމަތިވުމުގެ ނުރައްކާ 90 ޕަސެންޓަށް އިތުރެވެ. އަދި އަހަރެއްގެ ތެރޭގައި ޑޮކްޓަރު ދެ ފަހަރަށް އިރުޝާދު ދީގެން – އެ ދެފަހަރުގެ ދެމެދުގައި 90 ދުވަހުގެ މެދުކެނޑުމަކަށް ފަހު – މެލަޓީން ބޭނުންކުރާ މީހުންގެ ހިތް ހުއްޓުމުގެ ނުރައްކާ އޮތް ނިސްބަތަކީ 82 ޕަސެންޓެވެ.
މިހާތަނަށް ގަބޫލުކުރެވެމުން އައީ، މެލަޓީންއަކީ ނުނިދުމުގެ މައްސަލަ ހައްލުކޮށްދޭ ރަނގަޅު ފަރުވާއެއް ކަމަށެވެ. އަދި އެއީ ދާއިމީ ގޮތެއްގައި ބޭނުންކުރުމަށް ވެސް ރައްކާތެރި ބޭހެއް ކަމަށެވެ. އެހެންކަމުން، އެއް ފަހަރު ޑޮކްޓަރު ބޭސް ލިޔެދެއްވުމުން، އޭގެ ފަހުން ޑޮކްޓަރެއްގެ އިރުޝާދާ ނުލައި އަމިއްލައަށް ގަނެގެންވެސް، މެލަޓީން ބޭނުންކުރާ މީހުން މަދެއް ނޫނެވެ.
ދިގު މުއްދަތަކަށް މެލަޓޮނީން ބޭނުންކުރުން ރައްކަލެއް ނޫން ދިގު މުއްދަތަކަށް މެލަޓޮނީން ބޭނުންކުރުން ރައްކަލެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ