ގަސްގަހުގައި އަޅާ ބަލިތަކުން ގަސްތައް ރައްކާތެރިކުރުމަށް، އެކި ބާވަތްބާވަތުގެ ޕެސްޓިސައިޑް ބޭސްތައް ގަސްތަކަށް ޖެހުމަކީ ޒަމާނީ ދަނޑުވެރިކަމުގެ އެންމެ އާންމު މައްސަލައެވެ. ބައެއް ފަހަރު ފެނަށް ގިރުވައިގެން ގަސްތަކަށް އެ ފެން ސްޕްރޭ ކުރެއެވެ. އަދި ބައެއް ފަހަރު ފެނަށް ގިރުވައިގެން ގަސްތަކުގެ ބުޑަށް އަޅައެވެ.
މި ގޮތުން ބޭނުންކުރާ އެންމެ އާންމު ބޭހަކީ ނިއޯނިކޮޓޯނޯއިޑްސް (ނިއޯނިކްސް) ކިޔާ ޕެސްޓިސައިޑެކެވެ. މިއީ އާންމު ގޮތެއްގައި ގޮވާމުގެ ބާވަތްތައް ހައްދާއިރު، ގަސްތަކަށް ބަލި ޖައްސާ ފަނިތަކާއި ޖަރާސީމުތައް ނައްތައިލުމަށްޓަކައި، ފެނަށް ގިރުވައިގެން ގަސްތަކަށް ޖަހާ ބޭހެކެވެ. މި ބޭސް ގަސްތަކަށް ސްޕްރޭ ކުރުމުން، އެ ގައުމުގައި އަޅާ ގޮވާމުގައި މި ބޭސް އެކުލަވާފައި ހުރެއެވެ. އަދި ދަނޑުގެ ބިންގަނޑާ އެކުވެ، އަދި ބިމުގެ އަޑީގައިވާ ފެން ފަށަލައަށް ވެސް މި ބޭސް ފޭދިގެން ދެއެވެ.
އެއަށް ފަހުގައި، އެ ގަސްތަކުގައި އަޅާ ގޮވާން ދޮންވެ ފައްކާވުމުން ކަނޑައިގެން ކެއުމުން، އިންސާނުންގެ ހަށިގަނޑަށް އެ ބޭހުގެ ނުރައްކާތެރި ކެމިކަލްތައް އެތެރެވެއެވެ. އަދި އެ ސަރަހައްދުގެ ބިމުން ނަގާ ފެން ބޭނުންކުރުމުން، އެ ފަނުގައި އެކުލެވޭ ކެމިކަލްތައް އިންސާނާގެ ހަށިގަނޑަށް އެތެރެވެއެވެ.
ޖޯޖް މޭސަން ޔުނިވަސިޓީ ކޮލެޖް އޮފް ޕަބްލިކް ހެލްތުގެ ދިރާސާ ޓީމުގައި ހިމެނޭ ސުމައްޔާ ސާފިއާ އިރުފާން ވިދާޅުވާ ގޮތުގައި ފަނިފަކުސަތަކާއި ސޫފާސޫފިތައް ނައްތަލައިލުމަށް ދަނޑުބިންތަކުގައި ބޭނުންކުރާ ވިހަ ބޭސްތަކުގެ ސަބަބުން، ފިރިހެނުންގެ ދަރިމައިކުރާ ނިޒާމަށް ގެއްލުން ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ފިރިހެނުންގެ މަނީގައި އެކުލެވޭ ދަރިފަނީގެ އަދަދު ދަށްވުމާއި، ފިރިހެން ހޯމޯންތަކަށް ނުރަނގަޅު އަސަރުތަކެއް ފޯރުމާއި އުރަވަޅީގެ ޓިޝޫތައް ހަލާކުވުމުގެ ނުރައްކާ ވެސް އެބަ އޮތެވެ.
ލެބޯޓަރީގައި ފިރިހެން މީދާ ބޭނުންކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި، ނިއޯނިކޮޓޯނޯއިޑްސްގެ އަސަރު ކޮށްފައި ތިބޭ ފިރިހެން މީދަލުގެ މަނީގައި އެކުލެވޭ ދަރިފަނީގެ އަދަދު، އެ ބާވަތުގެ ކެމިކަލްތަކުގެ އަސަރު ނުކުރާ މީދަލަށް ވުރެ މަދެވެ. އިންސާނުންގެ ހަށިގަނޑާ އެންމެ އެއްގޮތް ޖަނަވާރަކީ މީދަލާއި މުސަޅު ކަމަށްވާއިރު، މީދަލުގެ ހަށިގަނޑުން މިފަދަ ނަތީޖާއެއް ދައްކާ ނަމަ، އިންސާނުންގެ ތެރެއިން ފިރިހެނުންނަށް ވެސް މި ނުރައްކާ އޮތްކަމަށް ބެލެވިދާނެއެވެ.
މި ހިނގާ 2025 ވަނަ އަހަރު، ހަދާފައިވާ ދިރާސާގައި ބެލިފައިވަނީ ހަމައެކަނި މީދަލުގެ ހަށިގަނޑަށް ލިބޭ ގެއްލުންތަކެވެ. އެހެންކަމުން، ނިއޯނިކޮޓޯނޯއިޑްސްގެ އަސަރު ކުރުމުން ފިރިހެނުންގެ ދަރިފަނީގެ އަދަދު މަދުވާނެކަން ޔަގީންކަމާއެކު ބުނަން އެނގޭނީ، އެފަދަ ދިރާސާއެއް ހަދައިގެން ކަމަށް ސައެންސްވެރިން ދެކެއެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުން އެމެރިކާގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ނިއޯނިކޮޓޯނޯއިޑްސް އާއި މިނޫން ޕެސްޓިސައިޑް ބޭސްތައް ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން، މި ބާވަތުގެ ވިހަ މާއްދާތަކުގެ އަސަރު ފޯރާ މީހުންގެ އަދަދުވެސް އަހަރުން އަހަރަށް ދާނީ އިތުރުވަމުންނެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ފަނިފަކުސަ އާއި ސޫފާސޫފިތައް މަރާ ވިހަ މާއްދާތައް ބޭނުންކޮށްގެން ހައްދާފައި ހުންނަ ތަރުކާރީ އާއި މޭވާ، ރަނގަޅަށް ދޮވެ ސާފުކޮށްގެން ބޭނުންކުރުމުން، ފިލައިގެން ދާނީ އެމޭވާއާއި ތަރުކާރީގެ ބޭރުގައި އުނގުޅިފައި ހުންނަ ވިހަ މާއްދާތަކެވެ. ކިތަންމެ ވަރަކަށް ދޮވުނަސް، އެ ފަދަ ދަނޑުތަކުގައި ހައްދާ މޭވާ އާއި ތަރުކާރީގެ އެތެރޭގައި ހުންނަ ވިހަ ތާސީރުން ސަލާމަތް ވެވޭނެ ގޮތެއް ނޯންނާނެއެވެ.
ޕެސްޓިސައިޑްގެ ސަބަބުން ދަރިފަނީގެ އަދަދު މަދުވެދާނެ ޕެސްޓިސައިޑްގެ ސަބަބުން ދަރިފަނީގެ އަދަދު މަދުވެދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ