19 ވަނަ މަޖިލީހުގެ ތެރޭގައި ހަމަ އެކަނި ފާސްކުރީ އޭރު އޮތް މެޖޯރިޓީން ބޭނުންވި ގާނޫނުތައް އެކަނި: މެމްބަރު މުންތަޒިމް

19 ވަނަ މަޖިލީހުގެ ތެރޭގައި ހަމަ އެކަނި ފާސްކުރީ އޭރު އޮތް މެޖޯރިޓީން ބޭނުންވި ގާނޫނުތައް އެކަނި ކަމަށާއި މާލީ ކަންކަމާއި ބެހޭ ބިލް ތައް ހުރިއިރު އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު މުންތަޒިމް އިބްރާހިމް ވިދާޅުވެއްޖެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މުންތަޒިމް ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖެ އޮތީ 120 ބިލިއަނުން ދަރުވާލައިފައި ކަމަށެވެ. ރައީސް ޔާމީން ވެރިކަން ނިމުނުއިރު 60 ބިލިއަނުގައި ހުރި ދަރަނި 5 އަހަރުގެ ދައުރެއް ނިންމާލައި 120 ބިލިއަނަށް އަރުވާލީމާ އެއީ ވަރަށް ބައިވަރު ކަމަށާއި އަދި އެއީ 2 އަހަރު ދުވަސް ހިންގޭނެހާ ބަޖެޓު ކަމަށް މެމްބަރު ވިދާޅުވިއެވެ.
”މިހާ ބޮޑު އަދަދަކުން ގައުމ ދަރުވާލައިފައި އޮތް އިރުގައި އޭރުގައި އެބޭފުޅުން ފައިސާ ޗާޕްކޮށް އަދި ލޯނު ނަގާ، ގައުމަށް ހަގީގަތުގައި ކުރެވުނު ކަމެއް އޮތީކީއެއްނޫން. ފުލެޓެއް އެޅުނީކީއެއް ނޫން. މިހާރު ތިމަންނާމެން ކުރަން އުޅުނު ކަންތައްތަކޭ ބުނިނަމަވެސް ރައްޔިތުން އެއެއް ގަބޫލެއް ނުކުރާނެ. އެއީ 5 އަހަރު ދުވަހުގެ ތެރޭގައި އެކަން ނުކުރީ ކީއްވެތޯ“
މެމްބަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލު ވުމަށް ފަހު ރަނގަޅު ކުރުމަށް ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ. މަޖިލީހުން ގަނޫނުތަކަށް އިސްލާހު ގެންނަން ފުލް މެޖޯރިޓީ އޮތް އިރު އެކންވެސް އޮތީ ނުކޮށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު  ވިދާޅުވީ މަޖިލީހުގައި އާވެރިކަމެއް ފެށިގެން އައިރުވެސް 3 މަސް އެމްޑީޕީއަށް ލިބުނު ކަމަށެވެ. އަދި އެ ޕާޓީން ބޭނުންވި ގާނޫނުތަކަށް އިސްލާހު ގެނެސްފައި ވާއިރު ރައީސުލްޖުމްހޫރިއްޔާ ވަކި ކުރެވޭ ގޮތަށް މުއްދަތު ކުރުކޮށް މަޖިލީހުގެ ގަވައިދު ތަކަށްވެސް ބަދަލުތަކެއް ގެނައި ކަމަށް ވިދާޅުވިއެވެ.
މިދިޔަ ދައުރުގައި މަޖިލީހުގައި ހުށައަޅާފައި ހުރި ބިލުތައް ފާސްނުކުރެވެންވީ އެއްވެސް ސަބެއް ނެތް ކަމަށް ވިދާޅުވެ، ކުރިން ފާހަގަކުރި ގާނޫނުތައް ފާސް ކުރެވިގެން ދިޔައިރު ދެން ހުރި ބިލްތަކާއި މެދުވެސް މަސައްކަތް ކުރެވެން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ