މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިލަދުންމަޑުލު ދެކުނުބުރީ، މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.
މިލަދޫ ބަނދަރާއި، ފެނަކަ އިންޖީނުގެ އަދި އޮފީސް ޢިމާރާތް ރައީސް ސޯލިހު ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައި އެރަށަށް ވަޑައިގެންނެވެ.
ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި، ނ. މިލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރުބައްތި އާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓްވަނީ އަޅާފައެވެ.
ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެކުރިން ހުރި އޮފީސް ޢިމާރާތަކީ، 3 މީހުންގެ ޖާގައިގެ އިމާރާތެކެވެ. މިއަދު ހުޅުވި ފެނަކަ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 1080ކިލޯވޮޓްއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ