މިއަދު ވެސް މަޖިލިސް ޖަލްސާ ނެތް: އޮންނާނެ ދުވަހެއް ނާނގާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ފަސް ދުވަސް ވެފައިވާއިރު، މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައެއް ނުވެއެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ ހަފުތާ ބުދަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް އެއްވެސް ޖަލްސާއެއް ބާއްވާފައި ނުވާއިރު، ޖަލްސާތައް ކުރިއަށް ނުދާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އާއްމުކޮށް ހޯމައިން ފެށިގެން ބުދަ ދުވަހާ ހަމައަށް މަޖިލީހުގެ ޖަލްސާތައް ކުރިން ބާއްވައެވެ. މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ސަބަބާ ގުޅޭގޮތުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ވިދާޅުވީ، ޖަލްސާތައް މެދުކަނޑާލާފައިވަނީ ސީދާ ކޮން ސަބަބަކާ ހުރެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް ވެސް މަޖިލީހުގެ އިދާރާއިން އަންގާފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މަޖިލިސް ޖަލްސާތައް ނުބާއްވާ ސަބަބާއި ދެން ޖަލްސާއެއް އޮންނާނެ ދުވަހެއް ބެލުމަށް "ސަން" އިން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހާއި މަޖިލިސް މީޑިއާއަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ. މި މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވެސް މި ފަހުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ކަމަށާއި މިހާރު ޖަލްސާތައް ބޭއްވެނީ ހަމައެކަނި އެމްޑީޕީގެ މެންބަރުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން ނިމިދިޔަ ތިން ހަފުތާ ވަންދެން މަޖިލީހުގައި އެޖެންޑާކޮށްފައިވަނީ އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ކުރި ސުވާލުތައް އެކަނި ކަމަށާއި އިތުރު އެހެން އެއްވެސް މަސައްކަތެއް އެތަނުގައި ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ. މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައިވާތީ އެމްޑީޕީން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަޖިލީހުގެ ކޮންމެ މެންބަރަކަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި 20,000 ރުފިޔާ ލިބޭއިރު، ކޮމިޓީ ބައްދަލުވުންތައް 15 މިނެޓަށް ވެސް ދެމިގެން ނުދާކަން އެ ޕާޓީން ފާހަގަކުރެއެވެ. ބައެއް ކޮމިޓީތައް ފަސް މިނެޓު ނުވަތަ 10 މިނެޓުން ނިންމާލުމާއި، ގަޑި ޖެހުމާއެކު ކޮމިޓީތައް ކެންސަލްކުރާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޖިލީހުގެ މެންބަރުންނަށް ބޮޑު މުސާރައާއި ގިނަ އިނާޔަތްތަކެއް ލިބޭއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. ޚާއްސަކޮށް މި ދައުރުގައި ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި މަސައްކަތްތައް މަދުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ