ފަހު ވަގުތު އިލާން ޖެހި ލަނޑުން، މޮޅަކުން މާޒިޔާ ޔޫތް ޗެމްޕިއަންޝިޕް ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ.
ލީގު ބުރުގެ ފަހު މެޗުގައި މިއަދު އޮޑި ސްޕޯރޓްސް ކްލަބާ ދެކޮޅަށް ނިކުއިންއިރު އެއްވަރުކޮށްލައިގެންވެސް ފައިނަލްގެ ޖާގަ ލިބެން އޮތް މާޒިޔާއިން، އެޖާގަ ޔަގީންކުރީ 1-0 މެޗު ކާމިޔާބުކޮށްގެންނެވެ. ލަނޑެއް ނުޖެހި އެއްވަރުވާން ދިޔަ މެޗުން މާޒިޔާ މޮޅުކޮށްދިނީ 89 ވަނަ މިނިޓްގައ ކެޕްޓަން މުޙައްމަދު އިލާން އިމްރާންއެވެ. އޮޑިން ކުރިއަށް ޖެހި ލަނޑެއް ޖަހަން މަސައްކަތްކުރަމުން ދަނިކޮށް އިލާންއަށް ލިބުނު ބޯޅައާއެކު ކުރިއަށް އަރާ ގޯލުގެ މަތީ ދާގަނޑުގައި ތަތްކޮށްލީ ދެ ޑިފެންޑަރުންނާއި ކީޕަރުވެސް ނައްޓާލުމަށްފަހުއެވެ. އޮޑިއަށް ފައިނަލުގެ ފުރުޞަތު ލިބެން އޮތީ މެޗުން މޮޅުވެގެންނެވެ.
އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލްގައި މާޒިޔާ ވާދަކުރާނީ ނިއުރޭޑިއަންޓާއެވެ. މިދެޓީމް ލީގު ބުރުގައި ވާދަކުރި މެޗު ނިމުނީ 3-3 ން އެއްވަރު ވެގެންނެވެ. އެއީ މާޒިޔާއަށް މޮޅުނުވެވުނު ހަމައެކަނި މެޗުވެސް މެއެވެ. 13 ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނަ ހޯދީވެސް މާޒިޔާއެވެ. ނިއުރޭޑިއަންޓް ވަނީ މާޒިޔާގެ އިތުރުން އޮޑިއާވެސް އެއްވަރުވެފައެވެ. އަނެއް ތިން މެޗުން މޮޅުވިއެވެ. އެހެންކަމުން ފައިނަލަށް ނިކުންނައިރު ނިއުއާއި މާޒިޔާވެސް ބައްޔެއް ނުވެއެވެ. އޮޑި މުބާރާތުން ކެޓީ ހަމައެކަނި މާޒިޔާ އަތުން ބަލިވެގެންނެވެ. އެމީހުން ކޮޅަށް މުބާރާތުގައި ވަނީ އެންމެ ތިން ގޯލެވެ.
ފައިނަލްގެ ދެވަނަ ޖާގަ މާޒިޔާއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ