ސައުދީއަށް ދޭ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ފަހަކަށް އައިސް ދެމުންދާ ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. 
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ވަނީ ހަތަރު އަހަރަށް ފަހު ސައުދީއަށް ހަމަލާތަކެއް އަމާޒުކޮށްފަ އެވެ. އެ ހަމަލާތަކަކީ ހޫތީންގެ ބާރުގެ ދަށުގައި އޮތް އެއާޕޯޓަކަށް ދިން ވައިގެ ހަމަލާތަކަށް ސައޫދީން އެހީތެރިވެދީފައިވާ ކަމަށް ބުނެ އޭގެ ރައްދުގައި ދިން ހަމަލާތަކެއް ކަމެއް ވަނީ ބުނެފަ އެވެ. 
އެކަމާ ގުޅިގެން ހަތަރު އަހަރަށް ދެމިއޮތް ސުލްހައިގެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފަ އެވެ. 
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި މިނިވަންކަމަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. 
"މި ދަނޑިވަޅުގައި ސައުދީ ސަރުކާރަށާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރަމެވެ. އަދި ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުންދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ. 
ބަޔާނުގައި ބުނީ ސަރަހައްދީ ސުލްހަވެރިކަމާއި އަމާންކަން ގާއިމުކުރުމަށާއި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ދެމެހެއްޓުމަށްޓަކައި، މަޝްވަރާގެ މަގު އިހްތިޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކޮށް، ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ހަރުދަނާ ހާރިޖީ ސިޔާސަތުތަކެއް ގެންގުޅުމަށް ބާރުއަޅާ ކަމަށް ވެސް ރާއްޖޭން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ