ލ.ގަން ތުނޑީ އަވަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 2 ޖަނަރޭޓަރު ހަލާކުވެ ކަރަންޓު ކެނޑިފައި އޮންނަތާ 12 ގަޑިއިރަށްވުރެ ގިނައިރުވެއްޖެ އެވެ.
ގަމުން ވަގުތު އެމްވީއާއި ވާހަކަދެއްކި މީހަކު ބުނީ އިއްޔެ ހެނދުނު 1 ޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން އިއްޔެ އާއި ރޭގެ ދަންވަރާއި ހަމައަށް ކަރަންޓު ދެމުން ގޮސްފައިވަނީ އަވަށުގެ ވަކި ސަރަހައްދުތަކަކަށް ކަމަށެވެ.
އަދި ރޭ 12 ޖަހާކަން ހާއިރު ކަރަންޓު ދިނުމަށް ބޭނުންކުރާ 2 ވަނަ ޖަނަރޭޓަރު ހަލާކުވެ މުޅި އަވަށުން ކަރަންޓު ގޮސްފައިވާ ކަމަށް ގަމުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ތުނޑި އަވަށުގެ 2 ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި ވަގުތީ ގޮތުން ބޭނުން ކުރުމަށް ގަމުގެ އެހެން އަވަށެއްގައި ހުރި ޖަނަރޭޓަރެއް ތުނޑީ އަވަށަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް މިރެއާއި ހަމައަށް ވެސް ތުނޑީ އަވަށަށް ކަރަންޓު ފޯރު ކޮށްދެވިދާނެ ކަމަށް ދަންނަވަން ދަތި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތުނޑީ އަވަށަކީ ކަރަންޓުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެ ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ އަވަށެއް ކަމަށް ގަމުން ވަގުތު އެމްވީއާއި ވާހަކަދެއްކި ރައްޔިތަކު ބުންޏެވެ.
އޭނާ ބުނީ ކަރަންޓު މައްސަލަ ދިމާވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވީ ނަމަވެސް ކަރަންޓު މައްސަލަ ހައްލުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން މިހާތަނަށް ކުރި މަސައްކަތެއް ނެތް ކަމަށެވެ.
ގަން ތުނޑީ އަވަށުން ކަރަންޓު ކެނޑިފައި އޮންނަތާ 12 ގަޑިއިރަށްވުރެ ގިނައިރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ