އޭސީސީގެ މައްސަލަ ލީޑާސް ޑައިލޮގުގެ ތެރެއިން ހައްލު ކުރެވިދާނެ: މެމްބަރު ނަޝީދު

ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބާރަށް އުނިކަން އައިސްފައިވާ ކަމަށް އެ ކޮމިޝަނުން ދެކޭއިރު، މިހާރު ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުން ނުވަތަ ލީޑާސް ޑައިލޮގްގެ ތެރެއިން އެކަމަށް ހައްލު ގެނެވިދާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދުގެ ބްލޮގް "އެމްނަޝީދުޑޮޓްކޮމް" ގައި ލިޔުއްވާފައިވާ ގޮތުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށް އޭސީސީ އަށް ބާރު ދިނުމުގެ ކަންކަން ދެ ގޮތަކަށް ހައްލުކުރެވިދާނެ އެވެ. އެއް ގޮތަކީ ލީޑާސް ޑައިލޮގްގެ ތެރެއިން އެންމެ އިސްކަންދީގެން ކުރާ ކަމަކީ، ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެނައުން ކަމަށް ހެދިދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އޭސީސީ އަށް ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނާ ބާރުތައް އެ ކޮމިޝަނަށް ގާނޫނުގެ ތެރެއިން ދެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "އެކަންކުރަން ބޭނުން ކަމަށް ސިޔާސީ އިސް ފަރާތްތަކުން ކަނޑައަޅައިފި ނަމަ، ކަންކޮށް ނިންމާލާކަށް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ،" ނަޝީދު ވިދާޅުވި އެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގާ ނަމަ އެކަމެއް ހުއްޓުވުމުގެ ބާރު އޭސީސީ އަށް ދެވިދާނެ އަނެއް ގޮތެއް ކަމަށް ނަޝީދު ވިދާޅުވަނީ އޭސީސީގެ އިދާރީ އެންގުމަކަށް ތަބާވުމަކީ، މުއައްސަސާއަކަށް ލާޒިމްކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާއިރު ސަރުކާރުން އޭސީސީ އަށް އެއްބާރުލުން ދިނުމެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުގައި ކޮރަޕްޝަނުގެ އަމަލު އުފަންކުރުވާ ޒާތުގެ އަމަލުތައް މައިގަނޑު ގޮތެއްގައި ހިނގާނެ އެއް ދިމާލަކީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެށި ކަމަށްވާ އިރު، ސަރުކާރުގެ އެއްބާރުލުން އޭސީސީ އަށް ލިބިއްޖެ ނަމަ މި މައްސަލަ އަށް މިހާރު ވެސް ހައްލެއް ގެނެވިދާނެ އެވެ. ހާއްސަކޮށް އެ މުއައްސަސާއެއްގެ ރުހުމުގައި އެ ތަނުން އޭސީސީގެ އެންގުންތައް ބަލައިގަތުން ސުޕްރީމް ކޯޓުގެ ހުކުމުގައި މަނާނުކުރާކަން ނަޝީދު ފާހަގަކުރައްވާފައިވެ އެވެ. "އެހެންކަމުން ސަރުކާރުން ބޭނުންފުޅުވާ ކަމަށްވާ ނަމަ، ސަރުކާރުގެ ސީދާ ބާރު ހިނގާ ހުރިހާ ތަނަކުން، އޭސސީސީގެ އެންގުންތަކަށް ރުހުމުގައި ތަބާވެ އަމަލުކުރަމުން ދިއުމަށް ސަރުކާރަށް އެންގިދާނެ އެވެ. އޭސީސީގެ އިހުތިސާސް ބަލައިގަތުމަށް ހަމަޖެއްސެވިދާނެ އެވެ. އެއީ އޭސީސީން މިހާތަނަށް އަންގަމުންދިޔަ އެންގުންތައް އެ ގޮތުގައި ކުރިއަށް ގެންދެވިދާނެ ގޮތެކެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ އަސާސްތަކަށް ބަލާއިރު އެއީ ރަނގަޅު ނޫން ހުކުމެއް ކަމަށް ބުނުމުގެ ޖާގަ ކުޑަ ކަމަށެވެ. "ކޮންމެއަކަސް، ސުޕްރީމް ކޯޓުގެ ހުކުމް އޭގެ ޒާތުގައި ރަނގަޅު ނަމަވެސް، މައްސަލަ މި ދިމާވަނީ، އޭސީސީގެ ފަރާތުން މިހާތަނަށް އަދާކުރަމުން އައި މުހިންމު އެއް ދައުރު އެ ހުކުމުގެ ސަބަބުން ހުއްޓުމަކަށް އަންނާތީ އެވެ. ކިތަންމެ ބޮޑު ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމެއް އޭސީސީ އަށް ތުހުމަތުކުރެވުނު ކަމަށްވީ ނަމަވެސް، އެކަން އޭސީސީން ބަލައި ނިމެންދެން، އެ ކަމެއް ކުރިއަށް ނުގެންދިއުމަށް ތަނަކަށް އިދާރީ ގޮތުން އެންގުމުގެ ބާރު އޭސީސީ އަށް ގެއްލުމެވެ. ހަމަ އެހެންމެ، ވަކި ކަމެއް ހިނގާ ގޮތުން، ކޮރަޕްޝަންގެ އަމަލެއް އުޅޭ ކަމަށް ޝައްކު ކުރެވިގެން، އެކަން އެހެން ގޮތަކަށް ކުރުމަށް އިދާރީ ގޮތުން އެންގުމުގެ ބާރު އޭސީސީ އަށް ގެއްލުމެވެ،" ނަޝީދު ވިދާޅުވި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 21 އަދި 22 ވަނަ މާއްދާގެ ދަށުން، މަސައްކަތެއް ހުއްޓާލަން އެންގިދާނެ ކަމަށް އޭސީސީން ދެކޭއިރު، އެ ދެ މާއްދާ އިން ޖުމްލަ ގޮތެއްގައި އެ ކޮމިޝަނަށް ދޭ ބާރަކީ، ކޮރަޕްޝަންގެ އަމަލުގެ ގޮތުގައި ތުހުމަތުކުރެވޭ ކަންކަން ތަހުގީގުކުރުމާއި އެ ތަހުގީގުތަކަށް މަގު ފަހިކުރާ އެހެން ކަންކަން ކުރުން ކަމަށް ވެސް ހުކުމަށް ރިއާޔަތްކުރައްވައި ނަޝީދު ވިދާޅުވި އެވެ. "ކޮރަޕްޝަންގެ އަމަލަކީ، ޖިނާއީ ކުށެއް ކަމަށްވާތީ، ކުށެއްގެ ތަހުގީގެއް އޭސީސީން ކުރާނަމަ އެކަމާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކުން ކަމަށާއި ޖިނާއީ ތުހުމަތުތަކާ ގުޅިގެން ހޯދަންޖެހޭ ކޯޓު އަމުރުތައް ހޯދަންޖެހޭނީ، ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމުގެ އިހުތިސާސް އޮތް ކޯޓަކުންކަން. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް، ޖިނާއީ ތަހުގީގަކާ ގުޅިގެން، ހުއްޓުވުމުގެ ފިޔަވަޅަކީ ވެސް، ޖިނާއީ އިޖުރާއަތުގެ ތެރެއިން އެޅޭ ފިޔަވަޅަކަށް ވާންޖެހޭނެކަން،" ސުޕްރީމް ކޯޓުގެ ހުކުމުގެ މައިގަނޑު އަސާސްތަކަށް ރިއާޔަތް ކުރައްވައި ނަޝީދު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ