ޕީޕީއެމް އޮތީ ރައީސް ޔާމީނާއެކު: މައުމޫން

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުގައި އެއްޗެއް ހިނގާދިޔަ ހާދިސާއަށްފަހްވެސް ޕީޕީއެމް އޮތީ ރައީސް އަބުދުﷲ ޔާމީނާއެކު ކަމަށް ޕީޕީއެމްގެ ރައީސް އަދި ރައީސް މައުމޫންގެ ބޭބޭފުޅު މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވާ ހިނގި ހާދިސާގެ ތަފްސީލް ރައީސް ޔާމީން އެމަނިކުފާނާއި ހިއްސާކުރައްވާފައިވާކަން ހާމަކުރައްވާ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ހިނގާދިޔަ ހާދިސާ އެމަނިކްފާނަށް ތަފްސީލްކޮށްދެއްވި ކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ހާދިސާއަށްފަހްވެސް ޕީޕީއެމް އޮތީ ރައީސް އަބުދުﷲ ޔާމީންގެ ފަހަތުގައި ކަމަށާ، މިހާދިސާގެ ކަންކަން ހައްލުކުރުމުގެ ކުޅަދާނަކަމާއި ގާބިލްކަން ރައީސް ޔާމީންގެ ކިބާގައި ހުންނާނެ ކަމަށެވެ.
އަދި ރިޔާސީ ލޯންޗުގައި ހިނގާދިޔަ ހާދިސާއަށްފަހް ގައުމުގެ ކަންކަން ހަމަޖެހި، ރާއްޖެ ކުރިއަށް ގެންދާނެ ލީޑަރަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ ކަަމަށް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.
ރިޔާސީ ލޯންޗުގައި ހިނގާދިޔަ ހާދިސާ ތަފްސީލްކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ، ރައީސް މައުމޫން ޓްވީޓް ކުރައްވާފައިވާއިރު، މިހާދިސާއާއި ރައީސް މައުމޫނާވެސް ގުޅުވައިގެން ބައެއް ފަރާތްތަކުން ގެންދިޔައީ ވާހަކަދައްކަމުންނެވެ.
ލޯންޗުގައި އެއްޗެހި ގޮވި ހާދިސާއާ ގުޅިގެން ސަރުކާރުން ހާމަކޮށްފައިވަނީ އެއީ ބަޔަކު ދުރާލާ ރާވައިގެން ހިންގާފައިވާ ހާދިސާއެއް ކަމަށެވެ. އަދި ލޯންޗުގައި އެދުވަހު ގޮއްވާލީ ބޮމެއް ކަމަށާ، އެ ހަމަލާއަކީ ސީދާ ރައީސް އަބުދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށެވެ.
އެ ހަމަލާއިން އެމަނިކްފާނު ސަލާމަތްވެވަޑައިގެންނެވީ އާންމުގޮތެއްގައި އެމަނިކްފާނަށް ޚާއްސަ ކުރެވިފައިވާ ގޮޑިކޮޅުގައި އެދުވަހު އިށީންދެވަޑައިނުގަތުމުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ލޯންޗުގެ ހަމަލާއާއި ގުޅިގެން ރައީސް ޔާމީންގެ އަނބިކަނބަލުންނަށް ވަނީ އަނިޔާތަކެއް ލިބިވަޑައިގެންފައެވެ.
އެދުވަހުން ފެށިގެން އަދިވެސް އެކަމަނާ ގެންދަވަނީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ.
މި ހާދިސާ ސީރިއަސްކޮށް ތަހްގީގް ކުރަމުންދާއިރު، އެއްވެސް މީހެއްގެ މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ރައީސް ޔާމީން ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ