ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ގެކޮޅަށް ގުޅިފައިވާ ފައުޖުން ބޮން އަޅައިފި

ޔަމަންގެ ވެރިރަށް ސަންޢާގައި ހުންނަ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ގެކޮޅަށް ގުޅިފައިވާ ފައުޖުން ބޮން އަޅައިފިއެވެ.
ގުޅިފައިވާ ފައުޖުން ކުރީގެ ރައީސްގެ ގެކޮޅަށް މިއަދުގެ ވަރަށް ހެނދުނާ ވަރުގަދަ ވައިގެ ތިން ހަމަލާ ދިންކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
މިހަމަލާގައި ކުރީގެ ރައީސް ސާލިހަށާއި، އާއިލާއަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ޔަމަނުގެ ޚަބަރު ނޫސް އޭޖެންސީއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ހަމަލާ ދިންއިރު، އެ އާއިލާ ގެކޮޅުގައި އުޅުއްވާ ކަމެއް ނުވަތަ ނޫންކަމެއް މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.
ޔަމަނުގެ ކުރީގެ ރައީސްގެ ގެކޮޅަށް ސައުދީއާއި، ގުޅިފައިވާ ފައުޖުން ވައިގެ ހަމަލާތަކެއް މިދިނީ، ހޫޘީންގެ މަގާމުތަކަށް ރޭގައިވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. ސައުދީ އަރަބިއްޔާގެ މުޖްރާންއަށް ހޫޘީ ހަނގުރާމަވެރިން ހަމަލާތަކެއް ދިނުމުން، ސައުދީ ވައިގެ ސިފައިން ދޭން ފެށި ރައްދު ހަމަލާތައް މެދުނުކެނޑި ކުރިއަށް އެބަދެއެވެ.
ޔަމަނުގެ ވެރިކަމަށް އަތްގަދަ ކޮށްގެން އުޅޭ ހޫޘީންނަށް ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް މަދަދު ދެއްވާކަމަށް ތުހުމަތު ކުރެވިފައި ވެއެވެ. އަދި ހޫޘީންނާ އެއްބައިވެގެން ހަނގުރާމަ ކުރަމުންދާ ޔަމަނު ސިފައިންގެ ވެރިޔަކަށް ހުންނަނީވެސް، ޔަމަނުގެ ރިޕަބްލިކަން ގާރޑުންގެ ވެރިޔަކަށް ކުރިން ހުންނެވި ސާލިހްގެ ދޮށީ ދަރިކަލުންކަމަށް ވެއެވެ.
އަނެއްކޮޅުން، ޔަމަނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުވައި ދިނުމަށް މަގުފަހި ކުރުމުގެ ގޮތުން، ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތައް މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހަށް ހުއްޓާލަން ގުޅިފައިވާ ފައުޖުން ހުށަހަޅާފައިވާ ހުށަހެޅުމަށް ހޫޘީންވަނީ މަރްހަބާ ކިޔާފައެވެ. އަދި ބުނެފައިވަނީ، ޔަމަނުގެ ރައްޔިތުންގެ ކެކުޅުންތަކަށް ލުޔެއް ލިބޭ ކޮންމެ ކަމެއްގައި އެމީހުންގެ އެއްބާރުލުން ލިބޭނޭ ކަމަށެވެ.
ސައުދީއާއި، ގުޅިފައިވާ ފައުޖުން ޔަމަނުގެ ސަޢާދާ ސިޓީއަށް ދިން ވައިގެ ހަމަލާތަކުގެ މައްސަލާގައި އދގެ އިންސާނީ އެހީއާބެހޭ ވެރިޔާވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އދގެ ހިއުމަނިޓޭރިއަން ކޯޑިނޭޓަރ ޖޮހަނެސް ވާންޑަ ކްލާއު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ކުރިން އިންޒާރު ދިނުމަށްފަހުވެސް އަދި އިންޒާރެއް ނުދީ ނަމަވެސް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮން އެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށެވެ.
ސަޢާދާ ސިޓީ ފިޔަވައި، ޔަމަންގެ އެކި ތަންތަނަށް ގުޅިފައިވާ ފައުޖުން ފައިތުވީ 24 ގަޑިއިރުގެ ތެރޭގައި 130 ވައިގެ ހަމަލާ ދީފައި ވެއެވެ. މިހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ޙޫޘީންގެ ސަރުކާރުން ހާމަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ