މޫސުން ގޯސްވުމުން މެދުރާއްޖެތެރެއަށް ޔެލޯއެލާޓް ނެރެފި

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯއެލާޓް ނެރެފި އެވެ.
މި އެލާޓަކީ، މިރޭ 12:00 ހަމައަށް ނެރެފައިވާ އެލާޓެއް ކަމަށާއި މިވަގުތު ރާއްޖޭގެ މޫސުން ލަފާކުރާގޮތުން އެންމެ ގޯސްކަމަށް ލަފާކުރެވެނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. މިއީ މިއަދު މެޓް އޮފީހުން ނެރުނު ދެވަނަ އެލާޓެވެ. ފުރަތަމަ އެލާޓަކީ ވައިޓް އެލާޓެކެވެ. އެއެލާޓް ނެރެފައި ވަނީ
މިއަދު ހަވީރު 5:00 އިން މިރޭ 10:00 އާއި ހަމައަށް މުޅި ރާއްޖެއަށެވެ.
މެޓް އޮފީހުން ބުނީ، މިރޭ 8:00 އިން މާދަމާ ހެދުނު 8:00 އާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ މޫސުން މިވަގުތު ހުރި ގޮތައް ބަލާއިރު ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ، މެދުތެރެއާއި ދެކުނަށް ނިސްބަތްވާ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ